ރަމަޟާން މަހު އިމިގްރޭޝަނުން ޚިދުމަތް ފޯރުކޮށްދެމުންދާ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ މި ބަދަލުތަކުގެ ދަށުން، ދިވެހި ޕާސްޕޯޓުގެ ޚިދުމަތާއި، ވިސާގެ ޚިދުމަތްތަކާއި، އެންފޯސްމެންޓް އެންޑް ކޮމްޕްލަޔަންސްގެ ޚިދުމަތުގެ އިތުރުން ސީޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އިމިގްރޭޝަނުން ބުނީ މާލެ ސަރަހައްދުގައި އިމުގާ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓުގެ ޚިދުމަތަށް 24 ގަޑިއިރު ހުށަހެޅޭނެކަމަށެވެ. 65 އަހަރުން މަތީގެ މީހުންނަށާއި އެމަޖެންސީ ޙާލަތްތަކުގައި ޕާސްޕޯޓް ބޭނުންވާ މީހުންނަށް، ކޮންމެ ދުވަހަކު ހެނދުނު 09:15 އިން 12:00 އާ ދެމެދު އިމިގްރޭޝަނަށް ހާޒިރުވެ ނުވަތަ އޮންލައިންކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެކަމަށާއި އަދި މެޑިކަލް އެމަރޖެންސީގެ ހާލަތެއްގައި 9555333 ނަންބަރަށް ގުޅައިގެން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް ވެސް އިމިގްރޭޝަނުން ފާހަގަކުރިއެވެ.
މިގޮތުން އަތޮޅުތަކުގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސާފައިވެއެވެ. އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ހއ. ދިއްދޫ އަދި ލ. ފޮނަދޫގައި ކޮންމެ ދުވަހަކު ހެނދުނު 09:15 އިން 12:00 އާ ދެމެދު ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރެވޭނެއެވެ. އަދި ދ. ކުޑަހުވަދޫ، ރ. އުނގޫފާރު، ހއ. އިހަވަންދޫ އަދި ށ. ފޮނަދޫގައި ހަފްތާގެ ވަކި ދުވަސްތަކެއްގައި މި ޚިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު ވިސާގެ ޚިދުމަތް ވެސް ފޯރުކޮށްދެވޭނެކަމަށެވެ. ވިސާއަށް އެދި ހުށަހެޅުމާއި، ވޯކް ވިސާއަށް އެދި ޕާސްޕޯޓު ހުށަހެޅުން އަދި ދޫކުރުން، އަދި އެހެނިހެން ވިސާތަކަށް އެދި ޕާސްޕޯޓް ބަލައިގަތުމާއި ވިސާ ޖަހައިދިނުން ވަކި ގަޑިތަކެއްގައި ކުރިއަށްދާނެ ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ.
މީގެއިރުރުން، އެންފޯސްމެންޓް އެންޑް ކޮމްޕްލަޔަންސްގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 13:00 އަށް ލިބޭނެކަމަށް އިމިގްރޭޝަނުން ފާހަގަކުރިއެވެ. އަދި ސީޕޯޓްގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ހަވީރު 17:00 އަށް އަދި ރޭގަނޑު 21:30 އިން 00:00 އަށް، އަދި ހުކުރު ދުވަހު މެންދުރު 14:30 އިން ހަވީރު 17:00 އަށް އަދި ރޭގަނޑު 21:30 އިން 00:00 އަށް ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން ހާމަކުރިއެވެ.