މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިންތިޒާމްކޮށްގެން ބާއްވާ "ވިޒިޓް މޯލްޑިވްސް ހެކަތޯން" ރަސްމީކޮށް ލޯންޗްކޮށްފިއެވެ.
އެމްއެމްޕީއާރުސީން ބުނީ މި ހެކަތޯނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ޓެކްނޮލޮޖީއަށް ބިނާކޮށް އައު ހައްލުތަކެއް ހޯދުމަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެއް ކަމަށެވެ. މި މުބާރާތުގައި އުފެއްދުންތެރި ޚިޔާލުތައް ހުރި ފަރާތްތަކަށް ބައިވެރިވެ، އެ ފަރާތްތަކުގެ ޚިޔާލުތައް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ފާހަގަކުރިއެވެ.
މި މުބާރާތް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި، ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހިމެވެ. ވަޒީރު ވިދާޅުވީ، "މި ހެކަތޯނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ކަމަށް އުއްމީދުކުރެވޭ މުހިންމު މަސައްކަތެއް" ކަމަށެވެ. އަދި މި ކަހަލަ މުބާރާތްތަކުން ޒުވާނުންގެ ހުނަރާއި ޤާބިލުކަން އިތުރަށް ފާހަގަކުރެވި، އެ ފަރާތްތަކުގެ ޚިޔާލުތައް ތަންފީޒުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީން ބުނީ މި މުބާރާތުގައި ކާމިޔާބުކުރާ ފަރާތްތަކަށް ފައިސާގެ އިނާމުގެ އިތުރުން، އެ ފަރާތްތަކުގެ ޚިޔާލުތައް ތަންފީޒުކުރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. މީގެ އިތުރުން މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު ޓެކްނޮލޮޖީތަކެއް ތައާރަފުވެ، ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ހާމަކުރިއެވެ.
ވިޒިޓް މޯލްޑިވްސް ހެކަތޯނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެމްއެމްޕީއާރުސީގެ ވެބްސައިޓް މެދުވެރިކޮށް ކުރިމަތިލެވޭނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.