ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަން މިރޭވެސް މެންދަމު 1:00 އާ ހަމައަށް ހުޅުވާފައި ބެހެެއްޓޭނެކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަށް ވިޔަފާރިތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް މަަަސައްކަތްކުރުމަކީ ސަރުކާރުން ނުހަނު އެދޭކަމެއް ކަމަށެވެ.
ރޯދަ މަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ހަވީރު 5:30 އިން މެންދަމު 3:00 އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެހެންވެ، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަނުން އެގޮތަށް ޢަމަލުކުރުމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ:
- ރޯދަ މަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަން ނުވަތަ ކެފޭތަކާއި ރެސްޓޯރެންޓުތައް ހުޅުވާފައި ބަހައްޓަން ވާނީ އެ ދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދުގައި ކަމަށް.
- ރަމަޟާން މަހުގެ 1 އިން ފެށިގެން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބަހައްޓަން ވާނީ އެ ދުވަހެއްގެ ފަތިހު 5:30 އިން މެންދަމު 1:00 އާ ދެމެދުގައި ކަމަށް.
އެހެންވެ، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ 24 ގަޑިއިރު ޚިދުމަތްދިނުމުގެ ހުއްދަ ދޫކުރެވިފައިވާ ތަންތަން ހިމެނޭ ގޮތަށް، ކެއިންބުއިމުގެ ޚިދުމަތް ދޭ ތަންތަނުން އެގޮތަށް ޢަމަލުކުރުމަށް އެ އިޢުލާނުގައި ވަނީ ބުނެފައެވެ.
ރޯދަ މަހު ކެފޭތަކާއި ފިހާރަތައް ހުޅުވޭނެ ގަޑިތައް ކޮންމެ އަހަރަކު ވެސް ސަރުކާރުން ކަނޑައަޅައެވެ.