މިއަހަރުގެ ރަމަޟާން މަހުގެ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން، ރަމަޟާން މަހުގެ ޑިސްކައުންޓް ހިމެނޭ ކަރަންޓު ބިލަށް ފުރަތަމަ ރީޑިންގ ނެގުމުގެ ޙަރަކާތް ސްޓެލްކޯއިން މިއަދު ފަށައިފިއެވެ.
މި ޙަރަކާތް ފައްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީއެވެ.
ސްޓެލްކޯއިން ބުނީ ގްރޭޓަރ މާލެ ސަރަޙައްދުގައި ރީޑިންގ ނެގުމުގެ މަސައްކަތުގައި ސްޓެލްކޯގެ އެކި މަޤާމުތައް އަދާކުރާ 350 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާ ކަމަށެވެ.
ރޯދަމަހަށް ބިލް ތައްޔާރުކުރާނީ ވަކިން ކަމަށާއި، އަދި ރޯދަމަހުގެ އެންމެފަހު ދުވަހު އަނެއްކާވެސް ރީޑިން ނަގައި، މުޅި މަހަށް ވަކި ޚާއްސަ ބިލެއް ތައްޔާރުކުރާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ޑިސްކައުންޓު ދިނުމުގައި ޢަމަލުކުރާނީ މިދިޔަ އަހަރު ޢަމަލުކުރި އުޞޫލާ އެއްގޮތަށް ކަމަށް ބުނެފައިވާއިރު، އެންމެ މަދުވެގެން 10 އިންސައްތައާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. ޑިސްކައުންޓު ދިނުމުގައި ބަލާނީ ފާއިތުވީ އެއް އަހަރު ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ކަމަށާއި، އިތުރުވާ ޢަދަދަށް އިތުރު ޑިސްކައުންޓު ދޭން ނިންމާފައިވާ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.
މިދިޔަ ރަމަޟާން މަހު ވެސް ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓް ބިލުތަކަށް 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައެވެ.