ނޫރުލް އަޛާން މުބާރާތް 2026 ގައި އިތުރަށް ފުޅާކޮށް ބާއްވާނެ: ޝަހީމް

އާނާ ފަހީމް | 15 ދުވަސް ކުރިން - 08:35
ނޫރުލް އަޛާން 1446 ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަޒީރު ޝަހީމް ވާހަކަފުޅުދައްކަވަނީ/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ނޫރުލް އަޛާން 1446 ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަޒީރު ޝަހީމް ވާހަކަފުޅުދައްކަވަނީ/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ޝަހީމް ވިދާޅުވީ އަމާޒަކީ ރާއްޖޭގެ އެކި ރަށްރަށުގެ ބައިވެރިންނަށްވެސް ވާދަކުރެވޭ ގޮތަށް މުބާރާތް ބޭއްވުން ކަމަށް. މިއަހަރު މުބާރާތުގައި ފަޚުރުވެރި އެއްވަނަ ޙާސިލްކޮށްފައިވަނީ ސުލައިމް މުޙައްމަދު ލަޠީފް.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ބާއްވާ ނޫރުލް އަޛާން މުބާރާތް 2026 ވަނަ އަހަރު އިތުރަށް ފުޅާކޮށް ބޮޑުކޮށް ބާއްވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ނޫރުލް އަޛާން 1446 ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި މުބާރާތަކީ ދީނީ ކަންކަމުގައި ކުދިންގެ ހުނަރު އިތުރަށް ކުރިއެރުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ މުހިންމު މުބާރާތެއް ކަމަށެވެ. އަދި މިފަދަ މުބާރާތެއް ބޭއްވިގެންދާކަމީ ވުޒާރާއަށް ލިބޭ ބޮޑު އުފަލެއްކަމުގައިވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ މިއަންނަ އަހަރު މުބާރާތް އިތުރަށް ފުޅާކޮށް، ރާއްޖޭގެ އެކި ރަށްރަށުގެ ބައިވެރިންނަށްވެސް ވާދަކުރެވޭ ގޮތަށް މުބާރާތް ބޭއްވުން. އަދި މިއަހަރުގެ މުބާރާތުގެ ރަންވަނަތައް ހާސިލްކުރާ ބައިވެރިންނަށް ރަމަޟާން މަހު މާލޭގެ އެންމެ ބޮޑު ދެ މިސްކިތްކަމަށްވާ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ބަންގި ގޮވުމުގެ ފުރުސަތު ފަހިކޮށްދޭނަން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޒުވާން ކުދިން މިފަދަ އެކި ރޮނގުތަކުން ކުރިއަށްދާ މަންޒަރު ފެނިގެންދާކަމީ އިސްލާމީ މުޖުތަމަޢުއަށް އުފާވެރިކަމެކެވެ. އަދި އެފަދަ ކުދިން ޚިޔާރުކޮށްފައި އެވަނީ ވަރަށް ހެޔޮ މަގެއްކަމުގައިވެސް ވިދާޅުވިއެވެ.

ނޫރުލް އަޛާން 1446 ގެ ފަޚުރުވެރި އެއްވަނަ ޙާސިލްކޮށްފައިވާ ސުލައިމް މުޙައްމަދު ލަޠީފް އިނާމާއި ހަވާލުވަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ނޫރުލް އަޛާން 1446 ގެ ފަޚުރުވެރި އެއްވަނަ ޙާސިލްކޮށްފައިވަނީ ސުލައިމް މުޙައްމަދު ލަޠީފްއެވެ. މުބާރާތުގެ ދެވަނައަށް ހޮވުނީ ޙަމްޒާ ބިން ހަސަންއެވެ. އަދި ތިންވަނައަށް ހޮވުނީ މުޙައްމަދު ހަނޫން ޙުސައިންއެވެ. މުބާރާތުގެ އެކި ވަނަތަކަށް ދިޔަ ބައިވެރިންނަށް ޓްރޮފީއާއި ހަނދާނީ ލިޔުމާއެކު ޚާއްޞަ އިނާމުތަކެއް ދީފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%