ސްޕެނިޝް ލާ ލީގާގައި ރޭ ޖިރޯނާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައި، ރިއަލް މެޑްރިޑުން މުހިންމު މޮޅެއް ހޯދައިފިއެވެ. މިއާއިއެކު ރިއަލް މެޑްރިޑް ވަނީ ލީގު ތާވަލުގެ ދެވަނައިގައި ބާސެލޯނާއާއި ހަމަހަމަ ކޮށްފައެވެ..
ރިއަލް މެޑްރިޑްގެ އަމިއްލަ ދަނޑު، ސަންޓިއާގޯ ބަރުނަބިއުގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލު ޖެހުނީ މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. މި ގޯލު ޖެހީ ކެޕްޓަން ލޫކާ މޮޑްރިޗް އޭރިއާ ބޭރުން ބޯޅަ ކޮންޓްރޯލްކޮށްފައި ވޮލީއަކުން ފޮނުވާލި ހިތްގައިމު ޝޮޓަކުންނެވެ. މިއީ މި ސީޒަންގައި ފެނުނު އެންމެ ރީތި އެއް ގޯލު ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.
ރިއަލްގެ ދެވަނަ ގޯލު ޖެހީ މެޗުގެ 83 ވަނަ މިނެޓުގައި ވިނީޝިއުސް ޖޫނިއާ އެވެ. މި ގޯލު ޖެހުމުގައި ކީލިއަން އެމްބާޕޭގެ އެހީތެރިކަން ލިބުނެވެ.
މި މޮޅާއިެކު މެޑްރިޑް ވަނީ 25 މެޗުން 54 ޕޮއިންޓް ހޯދައި، ލީގު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ބާސެލޯނާ ވެސް އޮތީ 54 ޕޮއިންޓާ އެކުގައެވެ. ނަމަވެސް ބާސެލޯނާ އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ލީގު ތާވަލުގެ ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 25 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ.
މި މެޗުގައި ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންސެލޮޓީ ވަނީ އާންމުކޮށް ބޭނުންކުރާ ފުރަތަމަ އެގާރައަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އަނިޔާއިން އަރައިގަތުމަށްފަހު ޑިފެންޑަރު ޑޭވިޑް އަލަބާ އާއި ލޫކަސް ވަޒްކޭޒް ވަނީ މި މެޗުގައި ކުޅެފައެވެ. އަދި މިޑްފީލްޑަރު ބްރަހިމް ޑިއާޒް އަށް ވެސް ވަނީ ފުރަތަމަ އެގާރައިން ޖާގަ ދީފައެވެ.