ރ. ފައިނުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށް، މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ސައުދީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފެވެ. އެމްއޭސީއެލްއިން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އެއާޕޯޓްގެ މަސައްކަތް ނިމުމުން އެ އެއާޕޯޓް ހިންގާނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ކަމަށްވާތީއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޖެނުއަރީ 23 ވަނަ ދުވަހު ފައިނަށް ކުރެއްވި ދަތުރުފުޅެއްގައި ވަނީ އެ ރަށުގައި އެއާޕޯޓެއް އެޅުމަށް ނިންމާފައިވާކަން އިއުލާންކުރައްވާފައެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މިއީ ފައިނާއި އެ ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް އޮތް ފުރުސަތެއް ކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތަށް ކުރެވޭ އިންވެސްޓްމަންޓަކަށް ވެގެންދާނެ ކަމަށެވެ.
"އެއާޕޯޓްގެ މަސައްކަތް ކުރާނީ ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތަށް ހުއްޓުމެއް ނާންނާނޭ ގޮތަށް، އެއާޕޯޓް އެޅުމަށް ބޭނުންވާ ޖާގަ ހޯދައިގެން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައގައި ވެސް ފައިނުގައި އެއާޕޯޓެއް އެޅުމަށް މަސައްކަތްތަކެއް ކުރެވުނެވެ. ނަމަވެސް އެ މަސައްކަތް އޮތީ ހުއްޓާލާފައެވެ. މިހާރު ރ. އަތޮޅުގައި އެއާޕޯޓެއް އޮތީ އިފުރުގައެވެ. އަދި ރ. އަލިފުށީގައި ވެސް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ވަނީ ފެށިފައެވެ.