ރަޝްފޯޑްގެ ދެ އެސިސްޓުން އެސްޓަން ވިލާ އިން ޗެލްސީގެ އުންމީދުތައް ފުނޑާލައިފި

އުސްތާޛް މުޙައްމަދު ޢަލީ | 24 ދުވަސް ކުރިން - 10:39
ރަޝްފޯޑް މެންޗެސްޓާ ޔުނައިޓެޑުން ވަކިވެ އެސްޓަންވިލާއަށް ގުޅުނު ފަހުން ކުޅުމުގެ ފެންވަރުގެ ތަފާތު ދައްކާލައިފި.
ރަޝްފޯޑް މެންޗެސްޓާ ޔުނައިޓެޑުން ވަކިވެ އެސްޓަންވިލާއަށް ގުޅުނު ފަހުން ކުޅުމުގެ ފެންވަރުގެ ތަފާތު ދައްކާލައިފި.
ޚުލާސާ

ވިލާގެ ކޯޗު އުނައި އެމެރީ ވިދާޅުވީ ރަޝްފޯޑްގެ އިތުބާރު އިތުރުކޮށް، އޭނާ ރަނގަޅަށް ބޭނުންކުރުމަށް މަސައްކަތްކުރާނެ ކަމަށް.

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މާކަސް ރަޝްފޯޑްގެ ދެ އެސިސްޓާއެކު އެސްޓަން ވިލާ އިން ޗެލްސީ 2-1 އިން ބަލިކޮށްލައި، އެ ޓީމުގެ ޗެމްޕިއަންސް ލީގު އުންމީދުތަކަށް ބޮޑު ހުރަހެއް ކުރިމަތިކޮށްދީފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ތަރި ރަޝްފޯޑް، މިހާރު ވިލާގައި ލޯނުގައި ކުޅެމުންދާއިރު، އޭނާގެ ކުޅުން އަލުން އާރޯވަމުންދާކަން މި މެޗުން ވަނީ ސާބިތުވެފައެވެ. ދެވަނަ ހާފުގައި ކުޅެން އެރި ރަޝްފޯޑްގެ މަސައްކަތުން ވަނީ މާކޯ އަސެންސިއޯ އަށް ދެ ލަނޑު ޖެހިފައެވެ. މި ދެ ލަނޑަށް އެސިސްޓް ކޮށްދީ، ވިލާގެ މޮޅުވުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރީ ރަޝްފޯޑެވެ. އެވާހަކަތައް ބީބީސީ ފަދަ ނޫސްތަކުގެ ހެޑްލައިނަށް ވެސް އަރައިފިއެވެ. މައިގަނޑު ސަބަބަކީ މެންޔޫ އާއި ރަޝްފޯޑާއި ދެމެދު ޖެހިފައިވާ މައްސަލަތަކުގެ ތެރެއިން އޭނާ އެސްޓަންވިލާ އަށް ބަދަލުވެ ޗެލްސީ ފަދަ ވަރުގަދަ ޓީމަކާއި ދެކޮޅަށް ދެއްކި ކުޅުމުން ކަމަށް ބެލެވެއެވެ.

"ރަޝްފޯޑަކީ ވަން-އޮން-ވަން އަދި ވަން-އޮން-ޓޫގައިވެސް ނުރައްކާތެރި ކުޅުންތެރިއެއް. އޭނާގެ ކުޅުމުން އަޅުގަނޑުމެންނަށް ތަފާތު އެއްޗެއް ލިބޭ،" ވިލާގެ ޔޫރި ޓީލެމަންސް ބުންޏެވެ.

ވިލާގެ ކޯޗު އުނައި އެމެރީ ވިދާޅުވީ ރަޝްފޯޑްގެ އިތުބާރު އިތުރުކޮށް، އޭނާ ރަނގަޅަށް ބޭނުންކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

"އޭނާގެ ހުނަރު އަޅުގަނޑުމެންގެ ކުޅުމުގެ ވިސްނުމުގައި ބޭނުންކުރަން މަސައްކަތްކުރާނަން. އުންމީދުކުރަނީ އޭނާ މިއަދު ފަދައިން އިތުރަށް މުހިންމުވެގެން ދިއުމަށް،" އެމެރީ ވިދާޅުވިއެވެ.

މި މޮޅުވުމާއެކު ވިލާ ވަނީ ޔޫރަޕިއަން ފުޓްބޯޅައިގެ ޖާގައަކާއި ގާތްވެފައެވެ. އަދި މިހާރު ވިލާ އޮތީ ޔުނައިޓެޑަށްވުރެ 8 ޕޮއިންޓް މަތީގައެވެ. ރަޝްފޯޑްގެ ކުޅުމުގެ ފެންވަރު މަތިވަމުންދާއިރު، ވިލާ އަށް 40 މިލިއަން ޕައުންޑަށް އޭނާ ގަތުމުގެ ފުރުސަތު އެބައޮތެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%