ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ޖަޕާނުގެ އެމްޕަރަރ ނަރުހިތޯ އަދި ބޮޑުވަޒީރު ޝިގެރޫ އިޝިބާއަށާއި، ޖަޕާނުގެ ސަރުކާރަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ޖަޕާނުގެ އެމްޕަރަރއަށާއި ބޮޑުވަޒީރަށް ވަކިވަކިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުތަކުގައި، ރާއްޖެއާއި ޖަޕާނާއި ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ބިނާވެފައި ވަނީ އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި އިތުބާރުގެ މައްޗަށްކަން ފާހަގަކުރައްވާފައި ވެއެވެ.
ރައީސް މުޢިއްޒު، ރާއްޖޭގެ ތަރައްޤީއަށް ޖަޕާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ވެސް ފާހަގަކުރައްވާފައިވވެއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނުގެ އެމްޕަރަރއާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާފާގަތިކަމަށް އެދިވަޑައިގެންފައެވެ. އަދި ޖަޕާނުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް ވެސް އެދިވަޑައިގެންފައިވެއެވެ.
ޖަޕާނުގައި ޤައުމީ ދުވަސް ފާހަގަ ކުރަނީ، އެ އިރެއްގައި ޖަޕާނުގެ އެމްޕަރަރގެ މަޤާމުގައި ހުންނަވާ ބޭފުޅެއްގެ އުފަންދުވަހާއި ގުޅުވައިގެންނެވެ. އެގޮތުން މިހާރު ޖަޕާނުގެ ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބުރުވަރީ 23 ވަނަ ދުވަހުއެވެ.