ދިއްދޫގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

އާނާ ފަހީމް | 20 ދުވަސް ކުރިން - 19:34
ހއ. ދިއްދޫގައި ވެމްކޯގެ ޚިދުމަތް ފައްޓަވައިދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ވެމްކޯ
ހއ. ދިއްދޫގައި ވެމްކޯގެ ޚިދުމަތް ފައްޓަވައިދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ވެމްކޯ
ޚުލާސާ

ރައީސް ޑރ. މުޢިއްޒު ދިއްދޫއަށް ވަޑައިގެން އެރަށުގައު ވެމްކޯގެ ޚިދުމަތް ވީހާވެސް އަވަހަށް ފައްޓަވައިދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ. އެކަން މިހާރު މިއޮތީ ޙަޤީޤަތަކަށް ވެވައި.

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއަދު ދިއްދޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ވެމްކޯގެ ޚިދުމަތް ދިއްދޫގައި ފެށުމާއެކު އެ ރަށުގެ ތިމާވެށި ހިމާޔަތްކުރެވި، ރައްޔިތުންގެ ސިއްހަތާއި ލޯކަލް ވިޔަފާރިތަކަށް ވެސް ފައިދާ ކުރާނެ ކަމަށެވެ. އަދި ކުނި މެނޭޖްކުރުމުގައި ސްކޫލް ދަރިވަރުންގެ ދައުރު މުހިންމުކަން ފާހަގަކުރެއްވިއެވެ.

"އަސްލު ހަޤީޤަތުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ ބާރު އަޅައިދޭ އެއް ބަޔަކީ ތުއްތު ކުދިން. ސްކޫލް ދަރިވަރުން. އެކުދިންނަށް ބޭނުންވާ މުހިންމު މައުލޫމާތު ރަނގަޅު ގޮތުގައި ދެވިއްޖެކަމުގައި ވަންޏާމު ގޭގެއިން ނިކުންނަ ކުނި ހުންނާނީ ރަނގަޅަށް ބައި އެޅިފަ. ހުންނާނީ އެކަންތައް ކުރަން ފަސޭހަވެފަ" ވަޒީރު ވިދާޅުވިއެވެ.

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކަށް ވެމްކޯގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރަށެއްގެ ކައުންސިލުން ވެމްކޯގެ ޚިދުމަތަށް އެދިއްޖެނަމަ އެކަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގެން، އެ ރަށުގައި ވެމްކޯގެ ޚިދުމަތް ވީހާވެސް އަވަހަށް ފައްޓަވައިދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. މިއަދުގެ މި ރަސްމިއްޔާތާއެކު އެ ވަޢުދު ފުއްދާލެވިފައިވާކަން ފާހަގަކުރެވެއެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ، ކުނި މެނޭޖުކުރުން ވަށާޖެހޭ އަދި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކުރިއަށްގެންދަން ހަދަންޖެހޭ ޕްލޭންތަކާއި އިންތިޒާމުތައް ނިންމާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%