ރަމަޟާން މަހާއި މިއަހަރުގެ ހޫނު މޫސުމާއި ދިމާވުމާއި ގުޅިގެން، މާލޭގެ ކަރަންޓް ކެޕޭސިޓީ އިތުރުކުރުމަށް ސްޓެލްކޯއިން 17 މެގަވޮޓްގެ ޖަނަރޭޓަރުތަކެއް ހުޅުމާލޭގައި އިންސްޓޯލްކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ ވިދާޅުވި ގޮތުގައި، ރަމަޟާން މަހު ގޭބީސީތަކުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނަ ކަމަށާއި، މިދިޔަ އަހަރުގެ ރަމަޟާން މަހު ޕީކްގައި 114 މެގަވޯޓަށް ކަރަންޓް ބޭނުންކޮށްފައިވާ ކަމަށެވެ. މި އަހަރު އެ ކުންފުނިން އަންދާޒާކުރަނީ ޕީކް ގަޑިތަކުގައި 132 މެގަވޯޓަށް ކަރަންޓް ބޭނުންކުރާ މިންވަރު އަރައިގެންދާނެ ކަމަށެވެ.
ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި، މިކަމަށް ބޭނުންވާ ޓްރާންސްފޯމަރާއި، އިންޖީނާއި ކޭބަލް މިހާރު އެ ކުންފުންޏަށް ލިބިފައިވާ ކަމަށާއި، ކުރިއަށްއޮތް 8 ވަރަކަށް ދުވަހުގެ ތެރޭގައި އިންޖީނުތައް އިންސްޓޯލްކޮށް ޚިދުމަތްދޭން ފެށޭނެއެވެ. މި ރޯދަމަހު ކެޕޭސިޓީ ނެތިގެން ކަރަންޓް ކަނޑާލާކަށް ނުޖެހޭނެކަމުގެ ޔަޤީންކަން ފަހުމީ ވަނީ ދެއްވާފައެވެ.