ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް ޤާއިމްކުރަނީ

އައިޝަތު ރުވާ ރިފްޢަތު | 20 ދުވަސް ކުރިން - 13:51
ޒަކާތު ހައުސްއިން ހެޔޮކަމަށް ފައިސާ ޖަމާކުރެވޭނެ ނިޒާމެއް ޤާއިމކުރުމަށް މަޝްވަރާ ކުރަނީ/ ފޮޓޯ: ޒަކާތް ހައުސް
ޒަކާތު ހައުސްއިން ހެޔޮކަމަށް ފައިސާ ޖަމާކުރެވޭނެ ނިޒާމެއް ޤާއިމކުރުމަށް މަޝްވަރާ ކުރަނީ/ ފޮޓޯ: ޒަކާތް ހައުސް
ޚުލާސާ

ޞަދަޤާތާއި ޚައިރާތާއި މިސްކިތް އެޅުމާއި ޤުރުއާނާ ބެހޭ މަރުކަޒުތައް ޤާއިމުކުރުމަށް ޒަކާތު ހައުސް އަށް ފައިސާ ޖަމާކުރެވޭނެ ގޮތް ހަދަނީ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް އަންނަ ހަފްތާތެރޭގައި ޤާއިމްކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މި ނިޒާމު ޤާއިމު ކުރުމަށްޓަކައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ޒަކާތު ހައުސްގެ އިސް ފަރާތްތަކުގެ އިތުރުން މީރާގެ ޑިރެކްޓަރ ޖެނެރަލް ހަސަން ޒަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ވަޒީރު ވިދާޅުވީ މި ނިޒާމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ރައްޔިތުން ހެޔޮކަންކަމަށް ކުރާ ހޭދަ ރާއްޖޭގައި ބޭނުންޖެހިފައިވާ ދާއިރާތަކަށް ހޭދަކުރުމުގެ ނިޒާމެއް އުފެއްދުންކަމަށެވެ. މި ނިޒާމުގެ ދަށުން ޞަދަޤާތާއި ޚައިރާތާއި މިސްކިތް އެޅުމާއި ޤުރުއާނާ ބެހޭ މަރުކަޒުތައް ޤާއިމުކުރުމަށް ހެޔޮ އެދޭ ފަރާތްތަކުން ދޭ ފައިސާ ޒަކާތު ހައުސްއަށް ލިބިގަތުމުގެ މަގު ފަހިވެގެންދާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"މިހާރުވެސް ގިނަ ރަށްރަށަށް މިސްކިތްތަކާއި ޤުރުއާން ކްލާސްތަކާއި އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ހޯދަން ޖެހިފައިވޭ. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީ ކުރުމަށް. އެގޮތުން އިސްލާމީ ދުނިޔޭގެ ނަމޫނާ ޒަކާތުގެ އިދާރާއެއްކަމުގައިވާ ކުވައިތު ޒަކާތު ހައުސް ނަމޫނަ އަކަށް ބަލައިގެން މި މަސައްކަތް ކުރިއަށް ގެންދަނީ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކުރިއާއި އަޅާބަލާއިރު ޒަކާތުގެ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައި ވެއެވެ. އަދި ޒަކާތާއި މެދު އާންމުންގެ ހޭލުންތެރިކަން އިތުރުވަމުން އަންނަކަން ވެސް ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުން އިދާރާއެއް އުފައްދާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މި އިދާރާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާއި ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%