ހދ. ނައިވާދޫ އިން ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރުކޮށްފިއެވެ.
ރޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ސެމީ ފައިނަލް މެޗުގައި ނައިވާދޫ އިން ލ. ގަން 3-1 އިން ބަލިކޮށް، ފައިނަލުގެ ޖާގަ ކަށަވަރުކުރިއިރު، އެންމެ ޚައްޞަ ކަމަކީ ނައިވާދޫން މި ފުޓްސަލްގެ ތާރީޚް ލިޔެލަނީ ދެގޮތަކަށެވެ. އެއީ ފައިނަލުން ކޮންމެ ނަތީޖާ އެއް ނުކުތަސް ދެޓީމަށް ވެސް އޮތީ އުފާވެރިކަމެވެ. ތާރީޚުގައި ލިޔެވޭނީ ކާމިޔާބީއެއްގެ ގޮތުގައެވެ.
ސަބަބަކީ ނައިވާދޫއާއި ދެކޮޅަށް ފައިނަލުގައި ދެން ކުޅޭ ކާށިދޫ ވެސް ފުޓްސަލް ތާރީޚުގައި ކުޅޭ މި ފައިނަލަކީ ފުރަތަމަ ބޮޑު ފައިނަލެވެ..
ރޭ ކުޅުނު ފޯރިގަދަ މެޗުގައި ނައިވާދޫގެ މުހައްމަދު ޝާއިން ދެ ގޯލާއި ޖެހިއިރު 3 ވަނަ ލަނޑު ޖެހީ އަހުމަދު ހަމީދު (އައްމަޑޭ) އެވެ. ގަމުގެ ހަމައެކަނި ގޯލު ޖެހީ ކެޕްޓަން އަހުމަދު ހަލީމް (އައްމަޑޭ) އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ނައިވާދޫ އަށް ލީޑު ނަގައިދިން ޝާއިންގެ ގޯލަށްފަހު، 16 ވަނަ މިނެޓުގައި ގަމުން ނަތީޖާ ހަމަހަމަކުރިއެވެ. ދެވަނަ ހާފުގައި ނައިވާދޫ އިން އިތުރު ދެ ގޯލު ޖަހައި މެޗު ކާމިޔާބުކުރިއެވެ.
ހދ. އަތޮޅުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ނައިވާދޫ އިން މިފަހަރު އަތޮޅު ތަށި ދިފާއުކުރުމުގެ އިތުރުން ޒޯން އެކެއްގެ ތަށިވެސް ހޯދާފައިވެއެވެ. ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ އަބްދުﷲ ޝާފިއު (ޝާއްޕެ) އަނިޔާއެއްގެ ސަބަބުން ނުކުޅެވުނު ނަމަވެސް، ޓީމުން ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.
އަންނަ އަންގާރަ ދުވަހު ރޭ ބޭއްވޭ ފައިނަލުގައި ނައިވާދޫ އިން ވާދަކުރާނީ ކ. ކާށިދޫއާ ދެކޮޅަށެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަން ލ. ގަމުގެ ދަތުރު މިފަހަރު ނިމުނީ ސެމީ ފައިނަލުންނެވެ. ގަމުން މި މުބާރާތް ފެށީ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްގެން ނަމަވެސް، ލ. އަތޮޅުގެ ފައިނަލާއި ޒޯން ހައެއްގެ ފައިނަލުން ބަލިވެފައިވެއެވެ.