ކާށިދޫ އިން ވާދޫ ބަލިކޮށް ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލަށް ގޮސްފި އެވެ. ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ކާށިދޫ އިން ވާދޫގެ މައްޗަށް ކުރި ހޯދައި ފުޓްސަލްގެ ތާރީޚުގެ ތެރެއަށް ވަނީ 4-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
މިއީ ކާށިދޫ އިން ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އަދި މި ފަހަރުގެ ފައިނަލުގައި ކާށިދޫއާއި ދެކޮޅަށް ނުކުންނަ ހދ. ނައިވާދޫ ވެސް ފައިނަލުން ޖާގަ ހޯދި މިއީ ފުރަތަމަ ފަހަރެވެ.
މެޗު ފެށިގެން ތިން ވަނަ މިނިޓުގައި ވާދޫގެ ނަޝާހް އަހުމަދު (ނައްޓު) ގޯލެއް ޖަހައި ވާދޫ އިން ލީޑު ނެގި އެވެ. ނަމަވެސް 13 ވަނަ މިނިޓުގައި ވާދޫގެ ކެޕްޓަން އަޔާޒް އަހުމަދު (އަޔާ) އަތުން ބައިކޮޅަށް ވަން ގޯލުން ނަތީޖާ ހަމަހަމަވި އެވެ.
މެޗުގެ 34 ވަނަ މިނިޓުގައި ކާށިދޫގެ އަޖުލާން އަބްދުލް ހަންނާން ގޯލެއް ޖެހި އެވެ. ނަމަވެސް މިނިޓެއްގެ ތެރޭގައި ވާދޫގެ ނައްޓު އަނެއްކާވެސް ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. އޭގެ ފަހުން ކާށިދޫގެ އިސްމާއިލް ރަޔާން ދެ ގޯލު ޖަހައި ކާށިދޫ ކުރިއަށް ނެރުނެވެ.
މެޗުގެ ފަހު މިނިޓުތަކުގައި ވާދޫގެ ނައްޓު އަށް ދެވަނަ ރީނދޫ ކާޑު ދައްކައި ރަތް ކާޑު ދެއްކުމުން ވާދޫ އަށް އިތުރު ގޮންޖެހުމަކާއި ކުރިމަތިވި އެވެ. އަދި ކާށިދޫގެ ފަސް ފައުލު ހަމަވެގެން ވާދޫ އަށް ދުރު ޕެނަލްޓީއެއް ލިބުނު ނަމަވެސް ކާށިދޫގެ ގޯލްކީޕަރު މުހައްމަދު ސަލީލް އެ ޕެނަލްޓީ ހުއްޓުވާލި އެވެ.
ކާށިދޫ އިން ފައިނަލުގައި ހދ. ނައިވާދޫއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭގަ އެވެ.