ފޮރިން މިނިސްޓަރު ޑރ. ޚަލީލް ސްރީލަންކާގެ ރައީސް އާއި ބައްދަލުކުރައްވައިފި

ހުސައިން އިސްމާއިލް | 19 ދުވަސް ކުރިން - 16:36
ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކައާއެކު.
ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކައާއެކު.
ޚުލާސާ

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެވުނު.

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކައާއި ބައްދަލުކުރައްވައިފިއެވެ.

ލަންކާގެ ފޮރިން އެފެއާޒް، އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު އެޗް އެމް ވިޖިތާ ހެރަތުގެ ޚާއްޞަ ދައުވަތަކަށް އެޤައުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.

ޑރ. ޚަލީލް ސްރީލަންކާއަށް ވަޑައިގެންނެވީ މި މަހުގެ 18 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި ޑރ. ޚަލީލް ވަނީ ސްރީލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔައާއި ފޮރިން މިނިސްޓަރު ހެރަތުއާ އާއި ވެސް ބައްދަލުކުރައްވާފައެވެ.

ރައީސް ޑިސަނަޔަކައާއެކު ބޭއްވުނު ބައްދަލުވުމުގައި ޑރ. ޚަލީލް ވަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ސްރީލަންކާއިން ދީފައިވާ އެހީތެރިކަމާއި އެއްބާރުލުމަށް އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގައި ޑރ. ޚަލީލް ވަނީ ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާއި އެ ޤައުމުގެ ބައެއް ވިޔަފާރިވެރިންނާއި ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%