ދިވެހިރާއްޖެއިން ސްރީ ލަންކާއާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މަޝްވަރާ ކުރައްވައިފި ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ..
ޑރ. ޚަލީލް މި މަޝްވަރާތައް ކުރިއަށް ގެންދެވީ ސްރީ ލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓުއަރިޒަމް ވިޖީތާ ހެރަތުއާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކުރެެއްވި ކަމަށާއި، ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކޮށް ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތު، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އަދި ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމާއި ގުޅޭ ޚާއްޞަ މަޝްވަރާތައް ކުރެވުނު ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ..
މީގެ އިތުރުން، ވިޔަފާރީގެ ދާއިރާއިން ހުރި އިންވެސްޓްމަންޓް ފުރުޞަތުތައް ވިޔަފާރިވެރިންނަށް ފަހިކޮށްދިނުމަށް ދެ ޤައުމުގެ ދެމެދު އެއްބަސްވުންތައް ޤާއިމްކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. އަދި ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުންވެސް ވާހަކަދެކެވުނެވެ.
ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ސްރީ ލަންކާއިން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މި ދަތުރުފުޅުގައި ޑރ. ޚަލީލް ވަނީ ސްރީ ލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައާއި، ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔެއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. އަދި ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރެއްވުމާއި، އަމިއްލަ ބައެއް ފަރާތްތަކާއެކު ބައްދަލުކުރައްވައި ގުޅިގެން މަސައްކަތްކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޑރ. ޚަލީލްގެ މި ދަތުރުފުޅަކީ ސްރީ ލަންކާގެ ފޮރިން މިނިސްޓަރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.