ޤާނޫނު އަސާސީ އިސްލާޙުކުރުމަށް ފަނޑިޔާރުން މަސައްކަތް ކުރުމާމެދު ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ދެކޮޅުކަން ހާމަކުރައްވައިފިއެވެ.
ނަޝީދު މިފަދައިން ހާމަކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށް ޤާނޫނު އަސާސީއަށް ގެނެވުނު އިޞްލާޙު ބާޠިލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށްގެންދަމުން އަންނަ ދަނޑިވަޅުގައެވެ.
މި މައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުން ވަނީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އިޖުރާއީ ގިނަ ނުކުތާތަކެއް ނަގާފައެވެ. އެގޮތުން ޤާނޫނު އަސާސީ އިޞްލާޙުކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއްކަމާއި، މި އިޞްލާޙު ގެނެވިފައިވަނީ އިޖުރާއަތުތައް ފުރިހަމަކޮށް 78 މެންބަރުންގެ ވޯޓުން ކަމަށް ފާހަގަކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނަށް ލަފާކުރެއްވިފައި އޮންނަނީ ޤާނޫނު އަސާސީ އިޞްލާޙުކުރުމުގެ ބާރު އޮތީ މަޖިލީހަށް ކަމަށާއި، ޤާނޫނު އަސާސީގެ ނަޒަރުގައި، ޤާނޫނު އަސާސީ ބަދަލުކުރާނަމަ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ޤާނޫނީ އަސާސީ ބަދަލުކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތުންނަށް ކަމަށް ލަފާކުރެއްވިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދަމުން އަންނަ އެ މައްސަލައާ ގުޅޭ ގޮތުން ވަރަށް ގިނަ ފަރާތްތަކުން އަންނަނީ، ޤާނޫނު އަސާސީ އިޞްލާޙުކުރުމުގެ ބާރު އޮންނަން ޖެހޭނީ ރައްޔިތުން ހޮވާފައިތިބި ރައްޔިތުންގެ މަންދޫބުންނަށް ކަމަށް ބުނަމުންނެވެ.