އަނެއްކާވެސް ދެއްވަދޫ ރައްޔިތުންނަށް "ކުނީގެ ފީ" މާފުކޮށްދީފި

އާނާ ފަހީމް | 24 ދުވަސް ކުރިން - 10:57
ދެއްވަދޫ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ދެއްވަދޫ ކައުނސިލް
ދެއްވަދޫ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ދެއްވަދޫ ކައުނސިލް
ޚުލާސާ

ކުނީގެ ފީ މަޢާފް ކޮށްދެއްވީ ރަމަޟާން މަހަށް. ކައުންސިލް ރައީސް ޝާފިޢު ވިދާޅުވީ ސަރުކަރުން ދެއްވަދޫ އަށް ވެފައިވާ ވަޢުދުތައް ފުއްދައިދީ އޭގެ ފޮނިމީރުކަން ލިބިގަތުމަށް ރައްޔިތުން ތިބީ ފޮނި އިންތިޒާރުގައި ކަމަށާއި މިއީ ތާރީޚުގައި ލިބުނު އެންމެ ރަނގަޅު ސަރުކާރު ކަމަށް.

ކުރީ އަހަރުތަކޭ އެއްފަދައިން މިފަހަރުގެ ރަމަޟާން މަހުގައި ވެސް ދެއްވަދޫ ގޭބިސީތަކުން ހިލޭ ކުނި އުކައިދިނުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން ލާޒިމްކުރާ މި އަހަރުގެ ފެބްރުއަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުމުގައި މިދިޔަ އަހަރު ކައުންސިލް ހިނގާދިޔަގޮތުގެ ރިޕޯޓާއި، މި އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލާއި ބަޖެޓް އިއްޔެ ދެއްވަދޫ ކައުންސިލުން ވަނީ އެ ރަށުގެ ރައްޔިތުންނާއި ހިއްސާ ކޮށްފައެވެ.

އެ ބައްދަލުވުމުގައި ދެއްވަދޫ ރައްޔިތުންގެ ޚިޔާލާއިއެކު މިވަގުތު އެ ރަށުގައި ހައްލުކުރަން ޖެހޭ އެކިއެކި މައްސަލަ ތަކާއި މެދު މަޝްވަރާ ކޮށްފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. މީގެ އިތުރުން، ގޭބިސީތަކުން 200 ރުފިޔާގެ ރޭޓުން ނަގަމުން އައި ކުނީގެ ފީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 100 ރުފިޔާއަށް ބަދަލުކުރެވިފައިވާކަން ކައުންސިލްގެ ރައީސް ޢަބްދުﷲ ޝާފިޢު ވިދާޅުވިއެވެ.

ރައީސް ޝާފިޢު ވިދާޅުވި ގޮތުގައި، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން ރައްޔިތުންނަށް ދެވޭ ލުޔެއްގެ ގޮތުގައި މިފަހަރުގެ ރަމަޟާން މަހުގައި ވެސް ކުނީގެ ފީ އެ ރަށު ހުރިހާ ރައްޔިތުންނަށާއި އަދި އެރަށުގައި އުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް ވަނީ މަޢާފް ކޮށްދީފައެވެ.

“މިއީ އަބަދު ވެސް ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް އަޅުގަނޑުމެންގެ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ކައުންސިލުން ނިންމާފައިވާ ނިންމުމެއް. އަޅުގަނޑުމެން ކައުންސިލުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް އެ ރައްޔިތުންނަށް އެންމެ ފަސޭހައިން އެކަމެއް ކޮށްދިނުމަށް އަދި ޚާއްޞަކޮށް ރަމަޟާން މަހުގައި ރައްޔިތުންނަށް ލުއިކޮށްދިނުން.” ޝާފިޢު ވިދާޅުވިއެވެ.

އިއްޔެގެ ބައްދަލުވުމުގައި ދެއްވަދޫގައި މިހާރު ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާއި އެ ރަށުގެ ކުރިއެރުމަށްޓަކައި ކައުންސިލުން ފަށާފައިވާ ބޮޑެތި މަސައްކަތްތަކުގެ މަޢުލޫމާތު ވެސް ރައްޔިތުންނާއި ހިއްސާ ކޮށްފައިވާނެ ކަމަށާއި، ރަށުގެ ތަރައްޤީގެ ޕްލޭނު ކުރިޔަށް ގެންދިޔުމަށް ރައްޔިތުންނާއި އަބަދު ވެސް މަޝްވަރާކޮށް، ރައްޔިތުން އެދޭ ކަންތައްތައް ސަރުކާރަށް ހުށަހަޅާ ކަމަށް ޝާފިޢު ވިދާޅުވިއެވެ.

ޚުލާޞާ އާއި ވާހަކަ ދައްކަވަމުން ޝާފިޢު ވިދާޅުވީ، މި ސަރުކާރަކީ ދިވެހި ތާރީޚު ދުށް އެންމެ ރަނގަޅު ސަރުކާރެވެ. ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ހުރިހާ ރަށަކަށް ތަރައްޤީ ގެނެސްދިނުމުގައި މިސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، ދެއްވަދޫ ރައްޔިތުންނަށްޓަކައި ކޮށްދެއްވަން ވިދާޅުވި ކަންތައްތައް ފެށި، އަވަސް ގޮތެއްގައި ނިމި އެކަމުގެ ފޮނިމީރުކަން ލިބިގަތުމަށް ރައްޔިތުން ތިބީ ފޮނި އިންތިޒާރުގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%