ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗެއްގައި ރަޔޯ ވަޔެކާނޯ އަތުން 1-0 އިން މޮޅުވެ، ބާސެލޯނާ ވަނީ ލީގުގެ އެއްވަނައަށް އަރައިފައެވެ. މި މޮޅުވުމާއެކު ބާސެލޯނާ އަށް ވަނީ ޑިސެމްބަރު މަހުގެ ފަހުން ފުރަތަމަ ފަހަރަށް އެއްވަނަ ހޯދައިފައެވެ.
މިހާރު ބާސެލޯނާ އާއި ދެވަނައިގައި އޮތް ރިއަލް މެޑްރިޑަށް ވަނީ ޕޮއިންޓް އެއްވަރުވެފައެވެ. ދެ ޓީމަށް ވެސް 25 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. ނަމަވެސް ހެޑް ޓު ހެޑްގެ ތަފާތުން ކުރިއަރާފައިވާތީ ބާސެލޯނާ ވަނީ އެއްވަނައަށް އަރައިފައެވެ. ބާސެލޯނާ އަށް މި ފުރުސަތު ލިބުނީ މި ހަފްތާގައި ރިއަލް އާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުތަކުން އެއްވަރުވުމުންނެވެ.
ރޭ ކުޅުނު މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ޕެނަލްޓީއަކުން ރޮބަޓް ލެވަންޑޯސްކީއެވެ. މެޗުގެ 28 ވަނަ މިނެޓްގައި ލެވަންޑޯސްކީ ކާމިޔާބުކުރި މި ޕެނަލްޓީ ދިނީ ވަޔެކާނޯގެ ޕާތު ސިސް އޭރިއާ ތެރެއިން ބާސެލޯނާގެ އިނީގޯ މާޓިނޭޒްއަށް ފައުލުކުރި ކަމަށް ބަލައިގެންނެވެ. މިއީ ލީގުގައި މި ސީޒަނުގައި ލެވަންޑޯސްކީގެ 20 ވަނަ ގޯލެވެ.
ވަޔެކާނޯ އަށް ޖޯޖް ޑެ ފްރޫޓޯސް ވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްދީފައެވެ. ނަމަވެސް އެ ޓީމުގެ މި ގޯލު އޮފްސައިޑް ކަމަށް ނިންމީ ވަޔެކާނޯގެ ފޯވާޑް ރޭންޑީ އެންޓޭކާ އޮފްސައިޑްގައި ހުރެ އެޓޭކުގައި ބައިވެރިވުމުންނެވެ.