ހޯމް މިނިސްޓަރު އަލީ އިހުސާނުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ޖަވާބުދާރީވާން އެއް ގަޑިއިރު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއިން ނިންމައިފިއެވެ.
އިދިކޮޅު އެމްޑީޕީއިން މި މައްސަލަ ހުށަހެޅީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ މަޢުލޫމާތު ބޭނުން ކޮށްގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް މެންބަރުން ވެއްދި ކަމަށް ބުނެއެވެ.
ޢާންމު ކޮމިޓީއިން ނިންމީ މި މައްސަލައިގައި ދޮޅު ގަޑިއިރުގެ ބަހުސެއް ކުރިއަށް ގެންދިއުމަށެވެ. އޭގެ ތެރެއިން އެއް ގަޑިއިރު ދޭނީ މިނިސްޓަރު އިހުސާނަށް ޖަވާބުދާރީ ވުމަށެވެ. އަދި 30 މިނެޓު ޚާއްޞަކުރާނީ މެންބަރުން ބަހުސް ކުރުމަށެވެ.
އެމްޑީޕީން މިނިސްޓަރު އިހުސާނުގެ މައްޗަށް އަސާސެއް ނެތް ތުހުމަތުތައް ކުރާއިރު، އެ ތުހުމަތުތަކުގެ ތެރޭގައި ޑީއެންއާރުގެ މަޢުލޫމާތު ބޭނުންކޮށްގެން ޕީޕީއެމްއަށް މެންބަރުން ވެއްދުމުގެ އިތުރުން، އެކްސްޕެޓް ސިސްޓަމް މެލޭޝިއާގެ ކުންފުންޏަކާއި ޙަވާލުކުރުމާއި އަދި ފުލުހުންގެ ތަޙްޤީޤުތަކަށް ނުފޫޒު ފޯރުވުމުން ހިމެނެއެވެ.
އެމްޑީޕީން މިނިސްޓަރާއި ދެކޮޅަށް ތެދުވެގެން އުޅެނީ އެ ޕާޓީން ހިންގާ ޣައިރު ޤާނޫނީ ކަންކަން މި ސަރުކާރުގެ ހޯމް މިނިސްޓްރީން ހުއްޓުވާތީ ކަމަށް ހިނަ ބަޔަކު ބުނެއެވެ.