ޒަކާތު ހައުސްއަކީ އެންމެ އަމާނާތްތެރި މުއައްސަސާ: ވަޒީރު ޝަހީމް

އާނާ ފަހީމް | 26 ދުވަސް ކުރިން - 16:30
އަހާ ފޯރަމްގައި ވަޒީރު ޝަހީމް މަޢުލޫމާތުދެއްވަނީ. / ފޮޓޯ: ވުޒާރާ
އަހާ ފޯރަމްގައި ވަޒީރު ޝަހީމް މަޢުލޫމާތުދެއްވަނީ. / ފޮޓޯ: ވުޒާރާ
ޚުލާސާ

ޒަކާތު ހައުސްގެ އަގު ވައްޓާލުމަށް ވާހަކަތައް ދެއްކި ނަމަވެސް، އެތަނުގެ އަމާނަތްތެރިކަމާ މެދު އެއްވެސް ޝައްކެތް ނެތް ކަމަށާއި އެ މުއައްސަސާއަކީ އެންމެ އަމާނާތްތެރި އެއް މުއައްސަސާކަމަށް ވަޒީރު ޝަހީމް ވިދާޅުވި.

ރާއްޖޭގައި އެންމެ އަމާނާތްތެރިކަމާއެކު ހިނގާ މުއައްސަސާއަކީ ޒަކާތާ ބެހޭ އިދާރާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ރޭ ވިދާޅުވެއްޖެއެވެ.

"އަހާ ފޯރަމް" ގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޒަކާތު ހައުސްއަކީ އެންމެ އަމާނާތްތެރިކަމާއެކު ހިނގާ މުއައްސަސާ ކަމަށާއި، އެ ތަނުގެ އަގު ވައްޓާލުމަށް އެކި ވާހަކަތައް ދެއްކި ނަމަވެސް، އެތަނުގެ އަމާނާތްތެރިކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

"ދިވެހިރާއްޖޭގެ ތަނަވަސްކަމުގެ އަހުލުވެރިންނަށް އަޅުގަނޑު ދަންނަވާލާނީ ތިބޭފުޅުންގެ ޒަކާތު ހައުސްއޭ މިއީ. މުއައްސަސާގެ އަގު ވައްޓާލުމަށް އެކި ވާހަކަތައް ދައްކާނެ. އެކަމަކު ދިވެހިރާއްޖޭގައި އެންމެ އަމާނާތްތެރިކަމާއެކު ހިނގާ އެއް މުއައްސަސާއަކީ ޒަކާތާބެހޭ އިދާރާކަމާމެދު އަޅުގަނޑު ޝައްކުނުކުރަން." ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ޒަކާތަށް ހޭލުންތެރިކުރުމަށް ޒަކާތު ހައުސްއިން ކުރިއަށް ގެންދާ މަސައްކަތްތަކާއެކު، ފާއިތުވެދިޔަ އަހަރަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ޒަކާތުގެ ގޮތުގައި އެންމެ ގިނަ ޢަދަދަކަށް ފައިސާ ލިބުނު އަހަރުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ފާއިތުވެދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. މި ކާމިޔާބީއަކީ ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%