އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗެއްގައި ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އިން 3-0 އިން ޗެލްސީ ބަލިކޮށްލައިފިއެވެ. މިއީ ހަފްތާއެއްހާ ދުވަސް ތެރޭގައި، ބްރައިޓަން އިން ޗެލްސީ ބަލިކުރި ދެ ވަނަ ފަހަރެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ބްރައިޓަން އިން މެޗުގެ ފުރަތަމަ ހާފުގައި ވަރުގަދަ ކުޅުމެއް ދައްކައި، ދެ ގޯލުގެ ލީޑެއް ނެގިއެވެ. ފުރަތަމަ ލަނޑު 27 ވަނަ މިނެޓުގައި ޖެހީ ކައޯރޫ މިޓޯމާއެވެ. 38 ވަނަ މިނެޓުގައި ޔަންކޫބާ މިންޓޭ ދެވަނަ ގޯލު ޖެހިއެވެ. މިންޓޭ ވަނީ ދެވަނަ ހާފުގައި އިތުރު ގޯލެއް ޖަހައި މަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ. މި ލަނދު ޖެހީ 63 ވަނަ މިނެޓުގައެވެ.
ހުސްވި ހަފްތާގައި ބްރައިޓަނުން 2-1 ލަނޑުން މޮޅުވި މެޗުގައި ވެސް މިޓޯމާ ވަނީ ޗެލްސީ ކޮޅަށް ގޯލެއް ޖަހައިފައެވެ.
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނީ، މިއީ އޭނާ އެ ޓީމާ ހަވާލުވި ފަހުން، އެ ޓީމުގެ ފަރާތުން އެންމެ ދަށް ކުޅުމެއް ފެނިގެންދިޔަ މެޗު ކަމަށެވެ. މި ބަލިވުމާއެކު، ޗެލްސީ މިހާރު 25 މެޗުން 43 ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަނައިގައި އޮތް ނަމަވެސް، މި ހަފްތާ ނިމޭއިރު ހަ ވަނަ އަށް ވެއްޓުމުގެ ބިރު އޮތްކަން ފާހަގަކުރެވެއެވެ.