ހައްޖާއި އުމްރާ ދަތުރުތަކުގައި ގެންދާ ސިއްހީ މަސައްކަތްތެރިންގެ ދަފުތަރެއް ހަދަނީ

އަހްމަދު އީޒާން | 32 ދުވަސް ކުރިން - 18:19
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ ބަޔަކު ސައުދީގައި / ފޮޓޯ: ހައްޖު ކޯޕަރޭޝަން
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިޔަ ބަޔަކު ސައުދީގައި / ފޮޓޯ: ހައްޖު ކޯޕަރޭޝަން
ޚުލާސާ

ޙައްޖު ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ އެ ދަފުތަރުގައި ރަޖިސްޓްރީވުމަށް ޑޮކްޓަރުންނާއި ނަރުހުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށްދާ މީހުންނާއި އެކު ދަތުރުކުރާ ސިއްހީ މަސައްކަތްތެރިން ހިމެނޭ ދަފުތަރެއް ހެދުމަށް ނިންމައި، އޭގައި ރަޖިސްޓްރީވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ އެ ދަފުތަރުގައި ރަޖިސްޓްރީވުމަށް ޑޮކްޓަރުންނާއި ނަރުހުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ދަފުތަރު އެކުލަވާލުމަށް ފަހު، ހައްޖު ކޯޕަރޭޝަންގެ ދަތުރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ދޭނީ ހަމައެކަނި އޭގައި ރަޖިސްޓްރީކޮށްފައި ތިބި މީހުންނަށް ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ދަފުތަރުގައި ރަޖިސްޓްރީވާ ޑޮކްޓަރުންނާއި ނަރުހުންގެ މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަނަކާއި ލައިސަންސް އަދި މަސައްކަތުގެ ދާއިރާއިން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާން ޖެހޭ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

މި ދަފުތަރުގައި މެޑިކަލް އޮފިސަރުންނާއި ޖެނަރަލް ޕްރެކްޓިޝަނަރުންނާއި ޕިޒިޝަނުންނާއި ކާޑިއޮލޮޖިސްޓުންނާއި ނެފްރޮލޮޖިސްޓުން އަދި ނިއުރޮލޮޖިސްޓުންނަށް ރަޖިސްޓްރީކުރެވޭނެ އެވެ.

ސިއްހީ އެހީތެރިންގެ ޒިންމާތަކުގެ ތެރޭގައި ހިމެނެނީ؛

  1. ހައްޖާއި އުމްރާގެ އަޅުކަމަށްދާ މީހުންނަށް ދިމާވާ ސިއްހީ ކަންކަން ބެލުމާއި ފަރުވާދިނުން.
  2. މައްކާ އާއި މަދީނާގައި އުޅޭއިރު ސިއްހީ ކަންކަމުގައި އެ މީހުން ގޮވައިގެން ހޮސްޕިޓަލުތަކަށް ދިއުން.

ހައްޖު ކޯޕަރޭޝަނުން ބުނީ މި ދަފުތަރުގައި ހިމެނުމަށް ބޭނުންވާ މީހުން "ހައްޖު އަދި އުމްރާ ދަތުރުތަކުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު" އާއި ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ އާއި ތަޖުރިބާގެ ލިޔުންތަކާއި ވަޒީފާގައި އުޅޭ ނަމަ، އެ މަސައްކަތް ކުރާ ތަނެއް އެނގޭ ރަސްމީ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ފޯމު ހުށަހަޅަން ވަކި މުއްދަތެއް ދީފައެއް ނުވެ އެވެ

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%