އައިޖީއެމްއެޗު ކައިރީގައި މީހަކު ހުއްޓާ، އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލުމަށް ފަހު، ފިލަން މެލޭޝިއާއަށް ދިޔަ ކަމަށް ތުހުމަތުވާ މީހާ މިއަދު ރާއްޖެ އައުމާއި އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ފުވައްމުލަކު، ދިގުވާޑު، ބަނަފުސާގެ، ހުސެއިން އަރީޝް، 31 އެވެ.
ފުލުހުން ބުނީ އޭނާ އަކީ މަސްތުވާތަކެއްޗާއި އަނިޔާކުރުމާއި ތޫނު ހަތިޔާރު ގެންގުޅުމާއި ގުޅޭ 28 މައްސަލައެއްގެ ރެކޯޑު އޮތް މީހެއް ކަމަށެވެ.
އަރީޝް މެލޭޝިއާއަށް ފުރީ އޭނާ ހައްޔަރުކުރުމަށް ފުލުހުން ކޯޓު އަމުރެއް ހޯދާފައި ވަނިކޮށެވެ. އެކަމަކު، އޭނާ މެލޭޝިއާއަށް އެތެރެވުން ހުއްޓުވައި، އެހެން ފްލައިޓެއްގައި މިއަދު ހެނދުނު ވަނީ ރާއްޖެ ގެނެސްފަ އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ، އައިޖީއެމްއެޗު ކައިރީގައި ހުރި މީހަކަށް ހަމަލާދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އޭގެ ތެރެއިން މަރުތޭލުން އެ މީހާގެ ބޮލުގައި ޖެހީ ސައިކަލުގެ ފަހަތުގައި އިށީނދެގެން އިން މީހާ އެވެ.
އެކަން ހިނގި ވަގުތު އައިޖީއެމްއެޗު ކައިރީގައި ހުރި ފުލުހަކު އެތަނަށް ދިޔަ ނަމަވެސް، ހަމަލާދިން މީހުން ވަނީ އެތަނުން ފިލައިފަ އެވެ. އަދި އެ މީހުން ސައިކަލުގައި ފިލައިގެން ދާން އުޅެނިކޮށް ސައިކަލް ސްޓާޓު ނުވުމުން ފިލައިގެން ދިޔައީ ދުވެފަ އެވެ.
އެ ހަމަލާގައި އަނިޔާވި ފިރިހެން މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާދިނެވެ