އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އިން އިތުރު ވަގުތުގެ ފަހު ސިކުންތުތަކުގައި ގޯލެއް ޖަހައި، މޮޅުވަމުންދިޔަ ލިވަޕޫލް ހުއްޓުވައިލައިފިއެވެ. މި މެޗު 2-2 އިން އެއްވަރުވުމާއެކު، ލިވަޕޫލަށް ލީގުގެ އެއްވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު ވަނީ ގެއްލިގެން ގޮސްފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖެހީ އެވަޓަންގެ ބެޓޯއެވެ. ނަމަވެސް ލިވަޕޫލްގެ އަލެކްސިސް މެކް އަލިސްޓާ އެއްވަރުކުރިއެވެ. ދެވަނަ ހާފުގައި މުހައްމަދު ސަލާހު ލިވަޕޫލަށް ލީޑު ނަގައިދިނުމުން، އެ ޓީމް މޮޅުވާނެ ކަމަށް ގިނަ ބަޔަކު ލަފާކުރިއެވެ. އެހެނަސް އިތުރު ވަގުތުގެ އަށްވަނަ މިނެޓުގައި ޖޭމްސް ޓާކޯސްކީ ޖެހި ލަނޑުން އެވަޓަން އެއްވަރުކޮށް، ލިވަޕޫލްގެ އުންމީދުތަކަށް ހިޔަނި އެޅިއްޖެއެވެ. ލިވަޕޫލް އުންމީދު ކުރީ 2-1 އިން އެވަޓަން ބަލިކޮށް ތާވަލުގައި 9 ޕޮއިންޓް އިތުރަށް ދަންމާލުމަށެވެ.
މި ނަތީޖާއާއެކު ލިވަޕޫލް މިހާރު އެއްވަނައިގައި އޮތީ 24 މެޗުން 57 ޕޮއިންޓާއެކުއެވެ. އާސެނަލް 50 ޕޮއިންޓާއެކު ދެވަނައިގައި އޮތުމުން، ދެ ޓީމުގެ ދެމެދުގައި މިހާރު ވަނީ ހަތް ޕޮއިންޓުގެ ތަފާތެކެވެ.
މެޗު ނިމުމާއެކު ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ކުޑަ ހަމަނުޖެހުމެއް ހިނގައި، އެވަޓަންގެ އަބްދުﷲ ޑޮކޫރޯ އާއި ލިވަޕޫލްގެ ކާޓިސް ޖޯންސްއަށް ރަތް ކާޑު ދެއްކިއެވެ. އަދި ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓްއަށް ވެސް ރަތް ކާޑެއް ދެއްކިއެވެ.
މި މެޗަކީ އެވަޓަންގެަންގެ ގުޑިސަން ޕާކުގައި ކުޅޭ އެންމެ ފަހު މެޗުތަކުގެ ތެރެއިން އެއް މެޗެވެ. އެ ޓީމުން ވަނީ މި ސީޒަން ނިމުމުން އާ ދަނޑަކަށް ބަދަލުވާން ނިންމާފައެވެ.