އަޖުފާނުގެ ޖާދޫގެ އަންގިން އޭދަފުއްޓަށް ތަށި!

އުސްތާޛް މުޙައްމަދު ޢަލީ | 31 ދުވަސް ކުރިން - 02:24
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އަޖުފާން.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އަޖުފާން.
ޚުލާސާ

އިމަޖެންސީ ހާލަތެއްގައި އަންގި ލައްވައިގެން ގޯލަށް އަރައި އަޖުފާނު ވަނީ ކާށިދޫން ޖެހި ތިން ޕެނަލްޓީއެއް މަތަކޮށްފައި. އޭދަފުށި މޮޅުވީ 3-1 ގެ ނަތީޖާއިން.

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ޒޯން ތިނެއްގެ ފައިނަލުގައި އޭދަފުށިން ޕެނަލްޓީ ޖަހައިގެން ކާށިދޫ 3-1 އިން ބަލިކޮށް، ޒޯން ޗެމްޕިއަންކަން ހޯދައިފިއެވެ. މިއީ 2019 ވަނަ އަހަރުގެ ފަހުން އޭދަފުށިން ޒޯން ތަށި ހޯދި ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރުގެ ޒޯން ފައިނަލުގައި އޭދަފުށި ވަނީ ޕެނަލްޓީގައި ކ. ގާފަރު އަތުން ބަލިވެފައެވެ. ނަމަވެސް މި އަހަރު އޭދަފުށްޓަށް ޕެނަލްޓީގައި ތަފާތު ދެއްކީ، އިމަޖެންސީ ހާލަތެއްގައި އަންގި ލައްވައިގެން ގޯލަށް އަރައި ކީޕަރަކަށް ހުރެ މޮޅަށް ކުޅުނު މުހައްމަދު އަޖުފާނެވެ. އޭނާ ވަނީ މިރޭގެ ފައިނަލުގައި، 0-0 އިން އެއްވަރުވެގެން ނަތީޖާ ނެރެން ޖެހުނު ޕެނަލްޓީގައި، ކާށިދޫން ޖެހި ތިން ޕެނަލްޓީއެއް މަތަކޮށްފައެވެ.

މެޗު ފެށިތަނާހެން އޭދަފުށީގެ ކީޕަރު އަދި ކެޕްޓަން، އަބްދުﷲ ނާސިހަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ. މީގެ ކުރިން މުބާރާތަށް ތައްޔާރުވަމުން ދަނިކޮށް އޭދަފުށީގެ އަނެއް ކީޕަރު، އަހުމަދު އަފްޒަލް ވެސް ސީރިއަސް އަނިޔާއަކާއި ކުރިމަތިވެ މުބާރާތް ގެއްލިފައިވާއިރު، ދެން ޓީމުގައި ހުރި ކީޕަރު، އަހުމަދު އިރުފާނަށް މެޗުގެ ދެވަނަ ހާފުގައި ރަތް ކާޑެއް ދެއްކުމުން، ކީޕަރަކަށް މިރޭ އެރީ އަޖުފާނެވެ.

އޭދަފުށިން ފޮނުވާލި ޕެނަލްޓީތަކުގެ ތެރެއިން މުހައްމަދު ފާސިރު (ފާއްޓެ) އާއި އަލީ ނަސީމް (ދިއްލި) އަދި ހުސެއިން ޝަރީފް (މުޑާ) ޕެނަލްޓީ ކާމިޔާބުކުރިއެވެ. ކާށިދޫގެ ތިން ޕެނަލްޓީއެއް ކީޕަރަކަށް ހުރި އަޖުފާން މަތަކުރިއިރު، ކާށިދޫ އަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ އިލްވާން މުހައްމަދެވެ.

މި ފަހަރުގެ ޒޯނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އޭދަފުށީގެ ފާއްޓެއެވެ. އޭދަފުށިން ވަނީ ޒޯންގެ ލީގު ބުރުގައި ކާށިދޫ އަތުން 7-4 އިން މޮޅުވެފައެވެ. ނަމަވެސް ކާށިދޫއިން އެ މެޗުގައި ބޭނުންކޮށްފައިވަނީ ބަދަލު ކުޅުންތެރިންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%