ތ. ތިމަރަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ހައެއްގެ ޗެމްޕިއަންކަން ހޯދައި، ފުރަތަމަ ފަހަރަށް މި ޒޯނުގެ ތަށި އުފުލާލައިފިއެވެ. މިރޭ ކުޅުނު ފައިނަލް މެޗުގައި ތިމަރަފުށިން ވަނީ ލ. ގަން އަތުން 4-0 ގެ ބޮޑު ތަފާތަކުން މޮޅުވެފައެވެ.
މިއީ ތިމަރަފުށިން މުޅި މުބާރާތުގައި ހޯދި ހަވަނަ ޗެމްޕިއަންކަމެވެ. ކުރިން ތިމަރަފުށިން ވަނީ ޒޯން ފަހެއްގައި ކުޅެ، އެ ޒޯނުގެ ތަށި ފަސް ފަހަރު އުފުލާލާފައެވެ. އެއީ 2016، 2017، 2018، 2019 އަދި 2022 ވަނަ އަހަރުތަކުގައެވެ.
ފާއިތުވި ދެ އަހަރު ތިމަރަފުށިން ވަނީ ފައިނަލުގައި ބަލިވެފައެވެ. 2023 ވަނަ އަހަރު ޒޯން ފަހެއްގެ ފައިނަލުގައި ކުޑަހުވަދޫ އަތުން ބަލިވިއިރު، 2024 ގައި ވަނީ ގަން އަތުން ޒޯން ހައެއްގެ ފައިނަލުގައި ބަލިވެފައެވެ.
ރޭގެ ފައިނަލް މެޗުގައި ތިމަރަފުށި ޓީމަށް ލަނޑުތައް ޖަހައިދިނީ އިސްމާއިލް މުނީޒް، އާދަމް ނާސިހު (އާދަންނަ)، އަހުމަދު އަފްލާޒް އަދި އިބްރާހިމް އަސްވަދު (ގަބޭ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަފްލާޒެވެ.
މި ޒޯނުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ އިސްދޫގެ ހުސެއިން އަފްހާން ކަމުގައިވާއިރު، އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށީގެ އާދަންނާއެވެ.
މުބާރާތުގެ ގަދަ 16 ބުރުގައި ތިމަރަފުށިން ކުޅެން ޖެހޭނީ ޒޯން 1، 2، 3، 4 ގެ ރަނަރަޕަކާ އެކުގައެވެ. ގަދަ 16 ބުރުގެ ގުރުއަތުލުން އޮންނާނީ ޒޯން ފައިނަލްތައް ނިމުމުން އެވެ.