ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯނު ފައިނަލް ތަކުގައި މިރޭ ހަތަރު ފައިނަލު މެޗު ކުޅެން ތައްޔާރުވެއްޖެއެވެ.
ރޭގަނޑު 8:00 ގައި ފަށާ ދެ މެޗަކީ ޒޯން 6 ގެ ފައިނަލުގައި ތ. ތިމަރަފުށްޓާއި ގަން ކުޅޭ މެޗާއި، ޒޯން 8 ގެ ފައިނަލުގައި ވިލިމާލެއާއި މައްޗަންގޯޅި ކުޅޭ މެޗެވެ.
ރޭގަނޑު 10:00 ގައި ފަށާ ދެ މެޗަކީ ޒޯން 3 ގެ ފައިނަލުގައި ބ. އޭދަފުށްޓާއި ކ. ކާށިދޫ ކުޅޭ މެޗާއި، ޒޯން 5 ގެ ފައިނަލުގައި ފ. ދަރަނބޫދޫއާއި ދ. ކުޑަހުވަދޫ ކުޅޭ މެޗެވެ.
ޒޯން 6 ގެ ފައިނަލުގައި ވާދަކުރާ ތިމަރަފުށްޓާއި ގަމަކީ ވަރުގަދަ ދެޓީމެވެ. ގަމަކީ މިދިޔަ އަހަރުގެ މި ޒޯނުގެ ޗެމްޕިއަނުންނެވެ. އަދި އެއް ފަހަރު މުޅި މުބާރާތުގެ ތަށި ހޯދާފައިވާ ޓީމެކެވެ. ތިމަރަފުށިން ވަނީ ތިން ފަހަރު މުޅި މުބާރާތުގެ ތަށި ހޯދާފައެވެ.
ޒޯން 8 ގެ ފައިނަލުގައި ވާދަކުރާ ވިލިމާލެއަކީ މިދިޔަ އަހަރު ސެމީ ފައިނަލަށް ދަތުރުކުރި ޓީމެކެވެ. މި ދެ ޓީމުން ޒޯން ބުރުގައި ކުޅުނު މެޗުން ވިލިމާލެ މޮޅުވީ 7-1 އިންނެވެ.
ޒޯން 3 ގެ ފައިނަލުގައި ވާދަކުރާ އޭދަފުށްޓަކީ މުޅި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނެވެ. އަދި ޒޯން 5 ގެ ފައިނަލުގައި ވާދަކުރާ ކުޑަހުވަދޫއަކީ އެ ޒޯނުގެ އެންމެ ފަހުގެ ޗެމްޕިއަނެވެ.