ވިސާނެތި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު އަތުލައިގަނެފި

އައިޝަތު ރުވާ ރިފްޢަތު | 32 ދުވަސް ކުރިން - 01:45
ފޮޓޯ: އިމިގްރޭޝަން
ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

ހުޅުމާލޭގައި ހުރި ތިން ކެފޭ އަދި ޓޭކްއަވޭ އެއް ބަލައި ފާސްކުރިއިރު، ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި.

ހުޅުމާލޭގައި އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި ސައްހަ ވިސާ ނެތި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކުފޯހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިއްޔެ ހަވީރު ހުޅުމާލޭގައި ހުރި ތިން ކެފޭ އަދި ޓޭކްއަވޭ އެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ބަލައި ފާސްކުރި ތަންތަނުގެ ތެރެއިން އެއް ތަނުގައި ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

މި ސަރުކާރު ހަވާލުވި ފަހުން، ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ވަރުގަދަ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގެ ސަބަބުން މިހާތަނަށް 6،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދާދި ފަހުން، ޚާއްޞަކޮށް ގަވާއިދާއި ޚިލާފަށް ބަނގުރާ ގެންގުޅެ ވިއްކާ ބިދޭސީންނާއި މަސްތުވާތަކެތީގައި އުޅޭ ބިދޭސީން 24 ގަޑިއިރުގެ ތެރޭގައި ޑީޕޯޓް ކުރެވޭނެކަން އިޢުލާންކުރައްވާފައެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައިދެއްވުމަށް އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވަނީ، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކޮށް، ޤަވާޢިދާއި ޚިލާފަށް ބަނގުރާ ގެންގުޅެ ވިއްކާ ބިދޭސީން ހައްޔަރުކޮށް 24 ގަޑިއިރުތެރޭ ޑީޕޯޓު ކުރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

މި ފިޔަވަޅުތަކަކީ ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ބައެއް ކަމަށް ރައީސް ފާހަގަކުރައްވާފައި ވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%