އިންޓެންސިވްތައް ތަޢާރަފްކޮށްގެން ރިސޯޓުތައް އިތުރު ކުރަނީ

ހުސައިން އިސްމާއިލް | 33 ދުވަސް ކުރިން - 14:44
ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގައި އިތުރު ރިސޯޓުތައް ގެނައުމަށްޓަކައި އިންސެންޓިވްތައް ދީގެން މަސައްކަތްތައް ކުރެވޭނެ.

ރިސޯޓުތައް މަދު ސަރަހައްދުތަކަށް އިތުރު ރިސޯޓުތައް ގެނައުމަށްޓަކައި މި އަހަރުގެ ތެރޭގައި އިންސެންޓިވްތައް ތަޢާރަފްކޮށްގެން މަސައްކަތްތައް ކުރެވިގެންދާނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައިދެއްވައި ދެއްވި ރިޔާސީ ބަޔާނާއި ގުޅޭ ގޮތުން ބޭއްވި ޕެނަލް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ތާރިޤު ވިދާޅުވީ، ނިމިދިޔަ އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި ނަމަވެސް، ޖުމުލަ އޮކިއުޕަންސީ ރޭޓަށް ބަލާއިރު އަދިވެސް އިތުރު ފަތުރުވެރިންނަށް ޖާގަ އޮތްކަމަށެވެ.

މިނިސްޓަރ ތާރިޤު ވިދާޅުވީ، މި އަހަރުގެ ތެރޭގައި ބޮޑެތި މާކެޓިން މަސައްކަތްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށެވެ. މީގެ ތެރޭގައި ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ފުންނާބު އުސް ފަރާތްތަކާއެކު މަސައްކަތްކުރުމާއި، އެކި ޤައުމުތަކުގައި ފެއަރތަކާއި ރޯޑްޝޯތައް ބޭއްވުން ހިމެނެއެވެ.

ރާއްޖޭގެ އުތުރު ސަރަހައްދުގައި ފަތުރުވެރިކަމުގެ އެނދުތައް މަދުކަން ފާހަގަކުރައްވަމުން، މިނިސްޓަރ ތާރިޤު ވިދާޅުވީ ހއ. އަތޮޅާއި ހދ. އަތޮޅުގައި އެކު ޖުމުލަ 3 ރިސޯޓު އަދި ށ. އަތޮޅުގައި 2 ރިސޯޓު އޮޕަރޭޓްކުރަމުންދާ ކަމަށެވެ. މި ސަރަހައްދުތަކަށް އިތުރު ރިސޯޓުތައް ގެނައުމަށްޓަކައި އިންސެންޓިވްތައް ދީގެން މަސައްކަތްތައް ކުރެވޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، މިނިސްޓަރ ތާރިޤު ހާމަކުރެއްވި ގޮތުގައި މި އަހަރު ރާއްޖެއަށް ވައިޑްބޮޑީ އެއަރކްރާފްޓެއް ގެނެވި، ޗައިނާއަށް ދަތުރުތައް ފަށާފައިވެއެވެ. އަދި އިތުރު ވައިޑްބޮޑީ އެއަރކްރާފްޓެއް ގެނެސް އެހެނިހެން މަންޒިލުތަކަށް ދަތުރުތައް ފެށުމަށް ވެސް ރޭވިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި އިނިޝިއޭޓިވްތަކުގެ މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމާއި، އެކި ސަރަހައްދުތަކަށް ހަމަހަމަކޮށް ތަރައްޤީ ގެނައުންކަމަށް މިނިސްޓަރ ތާރިޤު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ދޭ އިންޓެންސިވްގެ ތެރޭގައި ޕާމިޓް ދޫކުރުމުގެ ލުއި ވެސް ހިމެނިގެން ދާނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%