ޑައިމޯފިން ޕެޑްލްކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ދިވެހި ފިރިހެނަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައި ނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ އަމުރާއި ގުޅިގެން ފުލުހުން ހޯދަމުން އަންނަނީ ގދ. ފިޔޯރީ، ޒަމީން، ހުސައިން ޝުޖުއާން ނާފިޒް، 20 އެވެ.
ހުސައިން ޝުޖުއާން ނާފިޒް ހޯދަނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ޑައިމޯފިން ފެޑްލްކުރުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ބަންދުގައި ބަހައްޓައިގެން މާދަމާ 13:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ އޭނާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.