ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެ ތިން ބޭފުޅުންނަކީ:
1. ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު
2. ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތު
3. ޤާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމް
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މި މަޤާމަށް މީހަކު ހޯދުމަށް މި މަހުގެ 10 ވަނަ ދުވަހު އިޢުލާން ކޮށްފައިވާއިރު، ފުރަތަމަ އިޢުލާނުގައި ދެ ދުވަހުގެ މުއްދަތެއް ދިން ނަމަވެސް، އެންމެ ބޭފުޅަކު ކުރިމަތިލެއްވުމާއި ގުޅިގެން އަލުން އިޢުލާން ކުރިއެވެ. އެފަހަރު ކުރިމަތިލެއްވީ ނިހާޔަތު އެކަންޏެވެ.
ދެވަނަ އިޢުލާނުގެ މުއްދަތު ހަމަވެފައިވަނީ މިއަދުގެ ހެނދުނު 10:00 ގައެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ފުރިފައިވުމާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައި ވުމާއި، ފަނޑިޔާރު ކަމުގައި ނުވަތަ ޤާނޫނީ ވަކީލު ކަމުގައި މަދުވެގެން 7 އަހަރުގެ ތަޖުރިބާ ހުރުން ހިމެނެއެވެ.
މި މަޤާމަށް މީހަކު ހޯދަން ޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދު 4 މާރިޗު 2025 ގައި އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ. މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވީ 6 ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރުގެ އިތުރުން ޢަލީ ރަޝީދު ހުސައިން އާއި އާއިޝާ ޝުޖޫން މުޙައްމަދާއި އަދި ޑރ. މުހައްމަދު އިބްރާހީމެވެ.
އޭގެ ތެރެއިން ދެ ފަނޑިޔާރުން ވަނީ ސަސްޕެންޑް ކުރެވިފައެވެ. އެއީ މަހާޒް އާއި އަޒްމިރާލްދާއެވެ.