ގައުމީ އެއާލައިން މޯލްޑިވިއަނުން މި އަހަރު ދެކުނު އެފްރިކާއަށް ދަތުރުތައް ފެށުމަށް ތައްޔާރުވާން ފަށައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެކުނު އެފްރިކާގެ ވެރިރަށް، ޖޮހަނަސްބާގުން ސީދާ ރާއްޖެއަށް މޯލްޑިވިއަނުން ދަތުރުތައް ފެށުމުން ދެކުނު އެފްރިކާއިން ރާއްޖެ އައުމަށް ނަގާ ވަގުތު ވެސް 24 ގަޑިއިރުން 8 ގަޑިއިރަށް ކުޑަކުރެވޭނެ ކަމަށެވެ.
މީގެ ސަބަބުން އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އިތުރުކުރެވޭނެ ކަމަށް އަމީން ވިދާޅުވި އެވެ.
މާލެ އާއި ޖޮހަނަސްބާގާ ދެމެދުގައި ދަތުރުތައް ފެށުމަށް ތައްޔާރުވުމަށް މިދިޔަ އަހަރު ވަނީ ދެކުނު އެފްރިކާއަށް ޖެނެރަލް ސޭލްސް އެޖެންޓެއް ހޯދަން ވެސް، މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަން ކުންފުނިން އިއުލާންކޮށްފަ އެވެ.
މޯލްޑިވިއަނުން މި އަހަރު ފަހުކޮޅު ޔޫރަޕަށް ވެސް ދަތުރުތައް ފަށަން ވަނީ ނިންމައިފަ އެވެ.
ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް ފުޅާކުރުމަށް އަންނަ އޮކްޓޯބަރު މަހު އިތުރު ވައިޑް ބޮޑީ އެއާކްރާފްޓެއް ގެނައުމުގެ މަސައްކަތް މޯލްޑިވިއަނުން ދަނީ ކުރަމުންނެވެ. އެ އެއާލައިންގެ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓް މިދިޔަ ޖެނުއަރީ މަހު ރާއްޖެ ގެނެސް މިހާރު އަންނަނީ ޗައިނާއަށް ސީދާ ދަތުރުތައް ކުރަމުންނެވެ.