ރިއަލް އާއި އެތުލެޓިކޯގެ މެޗު އެއްވަރުވެ ލަލީގާގެ ފޯރި އިތުރަށް ގަދަވެއްޖެ

އުސްތާޛް މުޙައްމަދު ޢަލީ | 37 ދުވަސް ކުރިން - 09:59
ރޭގެ މެޗުގެ ތެރެއިން / ފޮޓޯ: ރިއަލް މެޑްރިޑް
ރޭގެ މެޗުގެ ތެރެއިން / ފޮޓޯ: ރިއަލް މެޑްރިޑް
ޚުލާސާ

1-1 އިން މެޗު އެއްވަރުވުމުން 23 މެޗު ދެޓީމު ކުޅެ ރިއަލް އަށް 50 ޕޮއިންޓް. އެތުލެޓިކޯ އަށް 49 ޕޮއިންޓް. އެއް މެޗު މަދުން ކުޅެގެން ތިންވަނައިގައި ބާސެލޯނާ އަށް ލިބެނީ 45 ޕޮއިންޓް.

ސްޕެނިޝް ލާ ލީގާގެ އެންމެ ފަހުގެ ޗެމްޕިއަން ރިއަލް މެޑްރިޑާއި، އެތުލެޓިކޯ މެޑްރިޑު ރޭ ބައްދަލުކުރި މެޗު އެއްވަރުވެ، ލީގުގެ ވާދަވެރިކަން އިތުރަށް ގަދަވެއްޖެ އެވެ.

ރިއަލްގެ އަމިއްލަ ދަނޑު، ސަންޓިއާގޯ ބަރނަބިއުގައި ކުޅުނު މި ފޯރިގަދަ މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި އެތުލެޓިކޯ އިން ލަނޑު ޖަހައި ކުރިއަރައިފައި ވަނިކޮށް، ރިއަލް އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރިއަލްގެ އޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔަކު، އެތުލެޓިކޯގެ ކުޅުންތެރިޔަކަށް ފައުލް ކުރުމުން، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ރެފްރީ ވަނީ އެތުލެޓިކޯ އަށް ޕެނަލްޓީއެއް ދީފައެވެ. 35 ވަނަ މިނެޓުގައި އެ ޕެނަލްޓީ ކާމިޔާބުކޮށް އެތުލެޓިކޯ އަށް ކުރި ހޯދައިދިނީ އާޖެންޓީނާގެ ތަރި ހޫލިއަން އަލްވަރޭޒް އެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން އައި ތަނާ، ފަސްވަނަ މިނެޓުގައި ރިއަލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފްރާންސްގެ ތަރި ސްޓްރައިކަރ ކީލިއަން އެމްބާޕޭ އެވެ. އެއީ އެތުލެޓިކޯގެ އޭރިޔާ ތެރެއިން ރިއަލް ޖޫޑް ބެލިންހަމް ފޮނުވާލި ބޯޅަ އެތުލެޓިކޯގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ވަގުތު، ގޯލަށް ބޯޅަ ވައްދާލައިގެން އެމްބާޕޭ ޖެހި ލަނޑެކެވެ.

މި ނަތީޖާއާއެކު ލީގުގައި ކުޅެފައިވާ 23 މެޗުން ރިއަލް އަށް ލިބެނީ 50 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެވަނައިގައި އެތުލެޓިކޯ އަށް ލިބެނީ 49 ޕޮއިންޓެވެ. މި ދެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެގެން ތިންވަނައިގައި ބާސެލޯނާ އަށް ލިބެނީ 45 ޕޮއިންޓެވެ.

މެޗު އެއްވަރުވުމާއެކު ރިއަލް އެއްވަނައިގައި އޮތީ އެންމެ ޕޮއިންޓެއްގެ ކުޑަ ލީޑަކުންނެވެ. މިކަމުން ލީގުގެ ވާދަވެރިކަން އިތުރަށް ގަދަވެ، ކުރިއަށް އޮތް މެޗުތަކުގައި ކޮންމެ ޓީމަކަށްވެސް ލިބޭ ޕޮއިންޓަކީ ވަރަށް މުހިންމު ޕޮއިންޓަކަށް ވެގެންދާނެ އެވެ. މިރޭ ސެވިއްޔާ އާއި ކުޅެ ބާސެލޯނާ މޮޅުވެއްޖެނަމަ 23 މެޗުން އެޓީމަށް 48 ޕޮއިންޓް ލިބި އެތުލެޓިކޯ މެޑްރިޑާއި 1 ޕޮއިންޓަށް ފަރަގު ކުޑަކޮށްލެވޭނެއެވެ. އެތުލެޓިކޯ ،ެޑްރިޑް ދެން ކުޅެން ޖެހޭނީ 28 ޕޮއިންޓައެކު 12 ވަނައިގައި 23 މެޗު ކުޅެފައިވާ ސެލްޓަ ވީގޯ އާއެވެ. އެއީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%