ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޚިދުމަތް ކ. ގުޅީގައި ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މި ޚިދުމަތް ފެށުމުގެ ގޮތުން "ފައްޓަމާ: އާއިލީ ހަވީރު" ގެ ނަމުގައި ޚާއްޞަ ޙަފްލާއެއް މިއަދު ވަނީ ބާއްވާފައެވެ. މި ޙަފްލާގައި ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީގެ މިނިސްޓަރު ތޯރިގް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.
ވެމްކޯއިން މިހާރު މާލެ ސަރަޙައްދުގެ އިތުރުން ސިޓީ ތަކާއި ލ. ފޮނަދޫ، ލ. ގަން، ކ. މާފުށި، ކ. ހިންމަފުށި އަދި ކ. ގުރައިދޫގައިވެސް ޚިދުމަތް ދެމުން ގެންދާކަން ފާހަގަ ކޮށްލެވެއެވެ.
މި ޚިދުމަތް ފެށުމުން ގުޅީގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާވެ، ރަށުގެ ސާފުތާހިރުކަން އިތުރުވެ، ތިމާވެށި ރައްކާތެރި ކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވެމްކޯ އިން ބުންޏެވެ.
ގުޅީގައި ވެމްކޯގެ ޚިދުމަތް ފެށުމާއެކު، ރަށުގެ ރައްޔިތުންނަށް ކުނި ނައްތާލުމުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ ވެށި ސާފުތާހިރުވެ، ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.