މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގެ ބަދިގޭގައި ދެ ބިދޭސީއެއްގެ މެދުގައި ހިނގި މާރާމާރީއާއި ގުޅިގެން އެކަކު އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދާއިރު އަނެކަކު މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި މާރާމާރީގައި ހައްޔަރުކުރި މީހާއަކީ ނޭޕާލްގެ 24 އަހަރުގެ ސިދާތާ ގުރުންގް އެވެ. އޭނާއަކީ އެ ކެފޭގެ ޝެފެކެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ސިދާތާ ވަނީ ފަސް ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ.
މި މާރާމާރީގައި ދެމީހުންނަށް ވެސް އަނިޔާ ވިއެވެ. ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ސީރިއަސް އަނިޔާ ލިބުނީ ބަންގްލަދޭޝްގެ މީހާ އަށެވެ. އޭނާއަށް މިހާރު ވެސް ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ކަމަށް އައިޖީއެމްއެޗާއި ޙަވާލާދީ ފުލުހުން ބުނެފައި ވެއެވެ. ފުލުހުން އިއްޔެ ބުނީ އޭނާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ..
މިމާރާމާރީގެ މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާއިރު، މިހާރު ވެސް މި މާރާމާރީގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދެއެވެ.