ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ އެއްކޮށްލައި އުފެއްދި އައު މިނިސްޓްރީން ދެ ދާއިރާއަށް ވެސް ފައިދާ ބޮޑުވެގެންދާނެ ކަމަށް މިނިސްޓަރު ޓާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ދުނިޔޭގައި ދެމެހެއްޓެނިވި ޓޫރިޒަމަށް ދެވޭ އަހައްމިއްޔަތުކަން ބޮޑުވަމުން އަންނަ ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމްގެ މައިގަނޑު ވަސީލަތަކީ ގުދުރަތީ ރީތިކަން ކަމަށްވާތީ، މި ދެ ދާއިރާ އެއްކޮށްގެން މަސައްކަތް ކުރުމުން އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރުގެ މަޤާމާއި ހަވާލުވެވަޑައިގެން ފަސް ދުވަސް ވެފައިވާއިރު، މި މުއްދަތުގައި ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކާއެކު ގިނަ މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ތެރޭގައި އެމްއެމްޕީއާރުސީ އާއި މަޓީގެ އިތުރުން ބޯޓިން އެސޯސިއޭޝަނާއެކު ބޭއްވި ބައްދަލުވުންތައް ހިމެނެއެވެ.
އިންޑަސްޓްރީގެ ފަރާތްތަކުން އެންމެ ބޮޑަށް އެދެނީ މިނިސްޓްރީގެ މަސައްކަތްތައް އަވަސް ކުރުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ހަފުތާގައި އިތުރު ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި ދެ ދާއިރާ އެއްކޮށްލުމުން ދެމެހެއްޓެނިވި ޓޫރިޒަމް ކުރިއެރުވުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރައްވައެވެ.