އިންޑިއާގެ ފިނޭންސް މިނިސްޓްރީން އެ ގައުމުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ޗެޓްޖީޕީޓީ އަދި ޑީޕްސީކް ފަދަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލްސް ބޭނުން ނުކުރުމަށް ގޮވާލައިފިއެވެ. މި ގޮތަށް ގޮވައިލީ އޯޕަންއޭއައިގެ ޗީފް ސޭމް އަލްޓްމަން އިންޑިޔާއަށް ކުރި ދަތުރާއި ގުޅިގެންނެވެ.
ނިއުސް އެޖެންސީ ރޮއިޓާސްއިން ރިޕޯޓު ކުރި ގޮތުގައި، ފިނޭންސް މިނިސްޓްރީގެ އިންޓާނަލް ޑިޕާޓްމެންޓުގެ ލަފާގެ މަތިން މި ހަފުތާގެ ތެރޭގައި މުވައްޒަފުންނަށް މި އިރުޝާދު ދީފައިވެއެވެ. މިގޮތަށް އަމަލުކުރަން ނިންމާފައިވަނީ މި އޭއައި ޓޫލްސް ބޭނުންކުރުމުން ސަރުކާރުގެ މުހިންމު މަޢުލޫމާތު ލީކުވެދާނެކަމުގެ ބިރު އޮތުމުންނެވެ.
މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ޙަވާލާދީ ރޮއިޓާސްއިން ބުނީ، "ޗެޓްޖީޕީޓީ އަދި ޑީޕްސީކްފަދަ އޭއައި ޓޫލްސް އޮފީސް ކޮންޕިއުޓަރުން ބޭނުންކުރުމުން ސަރުކާރުގެ މުހިންމު ޑާޓާ ލީކުވުމުގެ ފުރުސަތު ވަރަށް ބޮޑުވޭ" މިފަދައިންނެވެ.
އިންޑިއާގެ އައިޓީ މިނިސްޓަރ އަޝްވިނީ ވޭޝްނަވް ވެސް ވަނީ ސޭމް އަލްޓްމަންއާ ބައްދަލުކުރަން ނިންމާފައިކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، އިންޑިއާ ސަރުކާރުން ވަނީ އެ ގައުމުގެ މުހިންމު ލިޔެކިޔުންތައް ވާދަވެރި ސަރުކާރުތަކަށް ލިބުމުގެ ނުރައްކާ ބޮޑުވެފައިވާކަން ފާހަގަކޮށްފައެވެ.
މި ކަންބޮޑުވުމަކީ އިންޑިއާއަށް އެކަނި ޚާއްޞަވެގެންވާ ކަމެއް ނޫނެވެ. ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ވަނީ މިފަދަ އޭއައި ޓޫލްސް ބޭނުންކުރުމުގައި ޑޭޓާ ލީކުވުމުގެ ނުރައްކާތެރިކަން ފާހަގަކޮށްފައެވެ. މިސާލަކަށް، ޓައިވާނުން ވަނީ މި ހަފުތާގެ ކުރީކޮޅު ސަލާމަތީ ކަންބޮޑުވުންތަކާއި ގުޅިގެން ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް ސްޓާޓްއަޕް ޑީޕްސީކްގެ ޓެކްނޮލޮޖީ ބޭނުންކުރުން ސަރުކާރުގެ ހުރިހާ އިދާރާތަކަށާއި ކްރިޓިކަލް އިންފްރާސްޓްރަކްޗާ ސާވިސް ޕްރޮވައިޑަރުންނަށް މަނާކޮށްފައެވެ.
އިންޑިއާގެ ފިނޭންސް މިނިސްޓްރީން މިފަދަ އިރުޝާދެއް ދީފައިވީ ނަމަވެސް، އެ ގައުމުގެ އެހެން މިނިސްޓްރީތަކުން މިފަދަ އިރުޝާދުތަކެއް ނެރެފައިވާކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.