ސަރުކާރު ބަންދުވިޔަސް މާދަމާ ޕާސްޕޯޓުގެ ޚިދުމަތް ދެމުން ދާނެ

އައިޝަތު ރުވާ ރިފްޢަތު | 37 ދުވަސް ކުރިން - 10:36
ފޮޓޯ: އިމިގްރޭޝަން
ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

މާދަމާ އިމިގްރޭޝަން އޮފީހަށް ހާޒިރުވާ ފަރާތްތަކަށް ޕާސްޕޯޓް ދޫކުރާނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް.

ސަރުކާރު ބަންދުވިޔަސް މާދަމާ ޕާސްޕޯޓުގެ ޚިދުމަތް ދެމުން ދާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.

މާދަމާއަކީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ދުވަސް ކަމަށްވުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާން އިއްވާނެތީ، ސަރުކާރުން އެ ދުވަސް ވަނީ ބަންދު ކޮށްފައެވެ. ނަމަވެސް، އިމިގްރޭޝަނުން ބުނެފައިވަނީ ޕާސްޕޯޓުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ، މާދަމާ ޕާސްޕޯޓުގެ ޚިދުމަތް އެ އޮފީހުން ދޭނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ. އޮފީހަށް ހާޒިރުވެ ޚިދުމަތަށް އެދެވޭނީ އުމުރުން ދުވަސްވީ މީހުންނަށް އެކަންޏެވެ. އަދި ޕާސްޕޯޓު ހެދުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއެކު ޚިދުމަތް ހޯދަން އައުމަށް އެ އިދާރާއިން ވަނީ އަންގާފައެވެ.

އެހެނިހެން ފަރާތްތަކަށް އިމުގަ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު މި ޚިދުމަތް ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. މި ޚިދުމަތް ދޭނީ މާލޭ އަދި ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން އޮފީހުންނެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ، މި ދުވަހު ޕާސްޕޯޓު ނަގަން އަންނަ ފަރާތްތަކަށް ނަންބަރު ދޫކުރާނީ ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 2:00 އާ ހަމައަށް ކަމަށެވެ.

މި ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ޕާސްޕޯޓު ހެދުމަށް އެދޭ ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުންނެވެ. އަދި މިއީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް އިމިގްރޭޝަނުން އަޅާ ފިޔަވަޅެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%