ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ހުޅުވުމަށް ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން، ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އަޅައި މަޖިލިސްކުރާ ގޭގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރާނެ ކަމުގެ މަޢުލޫމާތު އިތުބާރު ހުރި މަސްދަރަކުން މި ނޫހަށް ލިބިއްޖެއެވެ.
އެމްޑީޕީން ވަނީ މިކަމުގެ މަޝްވަރާތައް ވެސް ކޮށްފައެވެ.
ޖަލްސާ އޮންނާނީ ފެބްރުއަރީ 6 ވާ ބުރާސްފަތި ދުވަހު ހެނދުނު 9:00 ގައެވެ.
މަޖިލީހުގެ އިދާރާއިން ފޮނުވާފައިވާ އެޖެންޑާގައިވާ ގޮތުން، މި ޖަލްސާގެ މައިގަނޑު ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހަމަނުޖެހުން ހިންގައި މަޖިލިސް ތެރޭގައި އަޑުގަދަކޮށް، ރިޔާސީ ބަޔާން އިއްވުމަށް އެމްޑީޕީން ހުރަސް އަޅާއިރު، ރިޔާސަތުން އެ މެންބަރެއްގެ ނަން އިއްވިޔަސް، އެމްޑީޕީން ނިންމައިގެން ތިބީ ޖަލްސާކުރާ މާލަމުން ނުނުކުތުމަށެވެ.
ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ޢުޒުރުވެރި ޙާލަތެއް އައިސްފި ނަމަ ދެން ރިޔާސަތާއި ޙަވާލުވާނީ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް އެވެ.