ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި އެކަމަށް ހިރިމަރަދޫ ރައްޔިތުން ތާއީދުކުރާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.
ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ އާދޭސްތައް އަޑުއައްސަވައި، ހަނިމާދުއަށް ބަދަލުކުރަން ނިންމެވުމަކީ އެއްފަސްކުރުމުގެ ސިޔާސަތަށް އެ މަނިކުފާނު ލޯބިކުރައްވާކަމުގެ ހެއްކެއް ކަމަށެވެ.
ކުރިން ހިރިމަރަދޫ ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކޮށްދިނުމަށް އެދިފައިވީ ނަމަވެސް، އޭގެ ކުރިން ގިނަ ރައްޔިތުންގެ ސޮޔާއިއެކު ހަނިމާދުއަށް ބަދަލުވުމަށް އެދި ޕެޓިޝަނެއް ސަރުކާރަށާއި ހަނިމާދޫ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށް ވަހީދު ވިދާޅުވިއެވެ.
ހިރިމަރަދޫގައި މިހާރު ދިރިއުޅެނީ 200 އެއްހާ މީހުން ކަމަށާއި، ރައްޔިތުން ދިރިއުޅެމުން ދަނީ ވަރަށް ނިކަމެތި ހާލުގައި ކަމަށް ވަހީދު ފާހަގަކުރެއްވިއެވެ. އަސާސީ ޚިދުމަތްތަކާއި ޒަރޫރީ ކަންކަމަށް ވެސް އެހެން ރަށްރަށަށް ބަރޯސާވާން ޖެހޭ ކަމަށާއި، އާމްދަނީ ލިބޭނެ އެއްވެސް ވަސީލަތެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.