ސިނަމާލެ ހައިވޭގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި މަރުގެ އެކްސިޑެންޓާއި ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނެއްގެ ލައިސަންސް ހިފަހައްޓައި، އޭނާ ދުއްވި ސައިކަލު ޓޯކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓާއި ގުޅިގެން އެ އަންހެން މީހާ އާއި ވަނީ ސުވާލުކޮށްފައެވެ. ބެލެވޭ ގޮތުގައި އެއީ އެކްސިޑެންޓުގައި މަރުވި ބަންގްލަދޭޝްގެ މީހާ ވެއްޓިފައި އޮއްވާ އޭނާގެ ބޯމަތިން ލާފައި ދިޔަ ސައިކަލް ދުއްވަން އިން ފަރާތެވެ.
ފުލުހުންގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި މަރުވި ބިދޭސީ މީހާ ދުއްވި ސައިކަލު ހައިވޭގައި ބަހައްޓާފައި ހުރި ޓްރެފިކް ކޯނެއްގައި ޖެހި ވެއްޓުނެވެ. ހަމަ އެ ވަގުތު ފަހަތުން ދުއްވާފައި އައި ސައިކަލު ކޮންޓްރޯލް ނުވެ، ވެއްޓިފައި އޮތް މީހާގެ ބޮލުގައި ޖެހޭތަން ފެނެއެވެ.
މި ހާދިސާ ހިނގީ ހޮނިހިރު ދުވަހުގެ ހެނދުނު 8:19 ހާއިރުއެވެ. ބަންގްލަދޭޝްގެ މި ފިރިހެނާ މަރުވީ ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް އެ ދުވަހުގެ 9:00 ގައެވެ.
ފުލުހުން ބުނާ ގޮތުގައި ބިދޭސީ މީހާ ދުއްވި ސައިކަލުން ޖެހުނު ކޯނަކީ ސޯލާ ޕެނަލްތަކުގެ މަސައްކަތް ކުރަމުންދާކަން އަންގައިދިނުމަށް ބަހައްޓާފައި ހުރި ކޯނެކެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.