ޤަވާޢިދާއި ޚިލާފަށް ދިވެހިރާއްޖޭގައި އުޅެމުންދިޔަ ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ، އިއްޔެ ކުރިއަށް ގެންދެވުނު ޚާއްޞަ ރެއިޑު އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކެއް ވަނީ ބަލައި ފާސްކޮށްފައި ވާކަމަށާއި އެއީ އިމިގްރޭޝަން ވޮޗަށް ލިބިފައިވާ މަޢުލޫމާތަކާ ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
އިމިގްރޭޝަނުން އިތުރަށް ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ޚާއްޞަ އޮޕަރޭޝަންތައް މިހާރު ވެސް ކުރިއަށްދާކަމަށެވެ. މީގެ އިތުރުން، ޤަވާޢިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރ ކުރުމުގެ ގޮތުން، މާލޭގެ އާންމު ތަންތަނުގައި އިމިގްރޭޝަން އޮފިސަރުން އޮބްޒަވޭޝަން މަސައްކަތްތައް ވެސް ކުރިއަށް ގެންދާކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި އޮޕަރޭޝަންތަކުގެ ސަބަބުން މިހާތަނަށް އެތައް ބިދޭސީއެއް ވަނީ އަތުލައިގަނެވިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އޮޕަރޭޝަންތައް ހަރުދަނާކޮށް ކުރިއަށް ގެންދާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.