މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު (އެމް.އެސް.އީ) އިން، ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސެކިއުރިޓީޒް ޓްރޭޑު ކުރުމަށް އޮންލައިން އޮޓޮމޭޓަޑް ޓްރޭޑިންގ ނިޒާމެއް ތަޢާރަފްކޮށްފިއެވެ. މި ނިޒާމު ރަސްމީކޮށް އާންމުންނަށް ހުޅުވައިލީ އެ ކުންފުނީގެ 17 ވަނަ އަހަރީ ދުވަހާއި ދިމާކޮށް، ޖަނަވަރީ މަހުގައެވެ.
އެމް.އެސް.އީގެ ސީއީއޯ އައުޝަން ލަތީފް ވިދާޅުވި ގޮތުގައި މި އޮޓޮމޭޓަޑް ޓްރޭޑިންގ ނިޒާމަކީ އިންވެސްޓަރުންނަށް ފަސޭހަކަމާއެކު ޓްރޭޑު ކުރުމުގެ މަގު ފަހިކޮށްދިނުމަށް ޤާއިމްކުރެވިފައިވާ ވަސީލަތެކެވެ. އިންފިނިޓީގެ ޓްރޭޑް ކަނެކްޓް މެދުވެރިކޮށް މާކެޓްގެ އެންމެ ފަހުގެ މަޢުލޫމާތާއި، އަގުތަކަށް އައިސްފައިވާ ބަދަލުތަކާއި، އޯޑަރ ބުކްގެ ތަފްސީލުތައް އިންވެސްޓަރުންނަށް ފަސޭހަކަމާއެކު ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މީގެ ސަބަބުން، މާކެޓުގެ ޓްރާންސްޕޭރަންސީ އިތުރުވެ، އިންވެސްޓަރުންނަށް އެކަށީގެންވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނެ," އައުޝަން ލަތީފް ވިދާޅުވިއެވެ.
މި އައު ނިޒާމަކީ ބްރޯކަރުންނަށް އެމީހުންގެ އަމިއްލަ ޚިދުމަތްދޭ އެޕްލިކޭޝަންތައް ބޭނުންކޮށްގެން ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތަށް، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ނިޒާމެކެވެ. މި ޕްލެޓްފޯމްގެ އެހީގައި ކުރިއަށް އޮތް ތަނުގައި ބްރޯކަރުންގެ ޚިދުމަތްތައް މާކެޓުގައި އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށް ވެސް ސީއީއޯ އައުޝަން ލަތީފް ފާހަގަކުރެއްވިއެވެ.
އެމް.އެސް.އީ އަކީ 2008 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހު ކެޕިޓަލް މާރކެޓް ޑިވަލަޕްމަންޓު އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިން ލައިސަންސް ދީފައިވާ ޕްރައިވެޓް ސްޓޮކް އެކްސްޗޭންޖެކެވެ. ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި، އެމް.އެސް.އީ އިން ދިވެހިރާއްޖޭގެ ސެކިއުރިޓީޒްގެ ބާޒާރު ތަރައްގީކޮށް ގިނަ ރައްޔިތުންތަކަކަށް ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިދިނުމަށް، ޒަމާނީ ޓެކްނޮލޮޖީގެ އުފެއްދުންތެރިކަމުގެ ތެރެއިން، އެކި ޚިދުމަތްތައް މާކެޓަށް ތަޢާރަފްކޮށްފައިވެއެވެ.
އައު އޮޓޮމޭޓަޑް ޓްރޭޑިންގ ނިޒާމުގެ ތެރޭގައި "އޯޑަރ މެނޭޖްމަންޓް ސިސްޓަމް (އޯ.އެމް.އެސް)" ގެ ނަމުގައި ބްރޯކަރ ބެކް އޮފީސް ވެބް އެޕްލިކޭޝަނެއްވެސް ހިމެނެއެވެ. މި ނިޒާމުގެ ސަބަބުން ސެކިއުރިޓީޒް މާކެޓުގައި ރަޖިސްޓްރީ ކޮށްގެން ބްރޯކަރުންގެ ޚިދުމަތް ދެމުންދާ ކުންފުނިތަކަށް ސްޓޮކް އެކްސްޗޭންޖް ލައިވްކޮށް އިންވެސްޓަރުންގެ އޯޑަރުތައް ފޮނުވުމަށް މަގުފަހިވެގެންދާނެއެވެ.
ސީއީއޯ އައުޝަން ލަތީފް އިތުރަށް ވިދާޅުވި ގޮތުގައި މި އައު ނިޒާމުގެ ތެރެއިން އޭޕީއައި މެދުވެރިކޮށް އެހެން ފަރާތްތަކުގެ ޓެކްނޮލޮޖީއާ ގުޅުވާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. "އަޅުގަނޑުމެންގެ މި ޓެކްނޮލޮޖީ ތްރޫކޮށް އެހެން ފަރާތްތަކުގެ ޓެކްނޮލޮޖީ އިންޕްރޫވް ކުރަން ވަރަށް ބައިވަރު ފުރުސަތުތަކެއް އެބަ ލިބޭ. ދެން ޑޭޓާ ޝެއާ ކުރުމާއި އިންފޮމޭޝަން ޝެއާ ކުރުމާއި ރިއަލް ޓައިމް ޑޭޓާ މޮނިޓަރ ކުރުން," އޭނާ ވިދާޅުވިއެވެ.