އެންމެ ފަހުގެ ޗެމްޕިއަން ބަލިކޮށް ވަށަފަރުން ތަށި ހޯދައިފި

އުސްތާޛް މުޙައްމަދު ޢަލީ | 41 ދުވަސް ކުރިން - 08:51
ޚުލާސާ

2-2 އިން އެއްވަރުވެ ޕެނަލްޓީގައި 7-6 ގެ ނަތީޖާއިން ދިއްދޫ ބަލިކޮށް ވަށަފަރުން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި ހޯދައިފި. މި ތަށި ވަށަފަރަށް މި ލިބުނީ 6 އަހަރަށް ފަހު

އެންމެ ފަހުގެ ޗެމްޕިއަން ދިއްދޫއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުން 7-6 އިން ދިއްދޫ ބަލިކޮށް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހއ. އަތޮޅު ތަށި، ވަށަފަރުން ހަ އަހަރަށް ފަހު އުފުލާލައިފިއެވެ.

މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު ދެ ޓީމު ވަނީ 2-2 އިން އެއްވަރުވެފައެވެ. ވަށަފަރުގެ ދެ ގޯލު ޖެހީ އަބްދުﷲ ޝިނާން އާއި އަހުމަދު މަހުތޫމް މުސްތަފާއެވެ. ދިއްދޫގެ ލަނޑުތައް ޖެހީ ހައިޝަމް ރަޝީދު (ހައި) އާއި މުހައްމަދު ޝަނާއު ނަސީރެވެ.

މެޗު ނިމުނީ ޕެނަލްޓީ ޝޫޓްއައުޓަކުންނެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި ވަށަފަރުން ފަސް ޕެނަލްޓީ ކާމިޔާބުކުރިއިރު، ދިއްދޫއަށް ކާމިޔާބުކުރެވުނީ ހަތަރު ޕެނަލްޓީއެވެ. ވަށަފަރުގެ ކީޕަރު މަހާސިން މުހައްމަދުގެ މޮޅު ކުޅުމަކީ މެޗުގެ ނަތީޖާ ބަދަލުކުރުމުގައި މުހިންމު ދައުރެއް އަދާކުރި ކަމެކެވެ.

މި މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ވަށަފަރުގެ އިބްރާހިމް އަތީގް ހަސަން (އިއްބެ) އެވެ. އަދި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވަށަފަރުގެ ކެޕްޓަން، އިބްރާހިމް ސަނޫން (ޗަންނަ) އެވެ.

މިއީ ވަށަފަރުން އަތޮޅު ޗެމްޕިއަންކަން ހޯދި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން ވަށަފަރުން ވަނީ 2016، 2017 އަދި 2018 ވަނަ އަހަރުވެސް މި މުބާރާތުގެ އަތޮޅު ޗެމްޕިއަންކަން ހޯދާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%