މުޙައްމަދު ސަލާހުގެ ދެ ލަނޑުން ބޯންމައުތު ބަލިކޮށް އިނގިރޭސި ލީގުގައި ލިވަޕޫލުން 9 ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.
މިއާއިއެކު 23 މެޗުން 56 ޕޮއިންޓް ލިވަޕޫލަށް ލިބިފައިވާއިރު ދެވަނައިގައި އޮތް އާސެނަލް އަދި ނޮޓިންހަމް ފޮރެސްޓަށް ލިބިފައިވަނީ 47 ޕޮއިންޓެވެ.
ރޭ މެޗުގައި ފެނުނު ދެ ގޯލު ވެސް ޖެހީ ސަލާހު އެވެ.
ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި 4-1 ގެ ނަތީޖާއަކުން އިޕްސްވިޗް އަތުން މޮޅުވެފައިވާއިރު، ބޯންމައުތު އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ ނޮޓިންގްހަމް ފޮރެސްޓް 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލް އެވެ.
ރޭގެ މެޗުން ލިވަޕޫލް ފުރަތަމަ ގޯލު ޖެހީ މެޗުގެ 30 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ފޯވާޑް މުހައްމަދު ސަލާހެވެ.
އޭގެ 8 މިނެޓު ފަހުން ބޯންމައުތުން ލަނޑެއް ޖެހިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
ލިވަޕޫލުން ދެވަނަ ލަނޑު ޖެހީ މެޗުގެ 75 ވަނަ މިނެޓުގައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ ވެސް ސަލާހް އެވެ. އަދި މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 23 މެޗުގައި އޭނާ ކާމިޔާބުކުރި 21 ވަނަ ލަނޑެވެ.