އެސްޕަންޔޯލް އާއި ދެކޮޅަށް ކުޅެ 1-0 އިން ރިއަލް މެޑްރިޑް ބަލިވެ، ލަލީގާގައި ވިދިވިދިގެން 6 މެޗުން ބަލިނުވެ ރިއަލް މެޑްރިޑް ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑް ހުއްޓުވައިލައިފިއެވެ. ލަލީގާގެ އެއްވަނައިގައި އޮތް ރިއަލް މެޑްރިޑަށް ޝޮކެއް ދިނީ ރޭ ކުޅުނު މެޗުގައި އެސްޕަންޔޯލް ކާލޮސް ރޮމެރޯ ޖެހި ލަނޑުންނެވެ.
މެޗުގެ 21 ވަނަ މިނެޓުގައި އެމްބާޕޭގެ ޕާހަކާއި އެކު ވިނީސިއަސް ޖޫނިއަރ ރީތި ލަނޑެއް ވެސް ޖެހިއެވެ. ނަމަވެސް ޕޯލް ލޮޒާނޯއަށް އެމްބާޕޭ ފައުލުކޮށްފައިވާ ކަމަށް ނިންމައި އެ ގޯލު ބަލައި ނުގަތެވެ..
ދެވަނަ ހާފުގައި މެޑްރިޑުން ގިނަ ހަމަލާތަކެއް ދިން ނަމަވެސް ލަނޑެއް ނުޖެހުނެވެ. ޖޫޑް ބެލިންގަމްގެ ވަރުގަދަ ޝޮޓު ވެސް އެސްޕަންޔޯލްގެ ގޯލްކީޕަރ ޖުއާން ގާސިއާ ވަނީ ހުއްޓުވާލާފައެވެ. އެމްބާޕޭގެ ޝޮޓު އަމާޒުވީ ގޯލު ދަނޑިއަށެވެ. ލޫކާސް ވާސްކުއެޒް އާއި އެމްބާޕޭގެ އިތުރު ޝޮޓުތައް ވެސް ގާސިއާ ހުއްޓުވިއެވެ. ހަމަ އެހެންމެ ރޮޑްރިގޯގެ ރީތި މޫވްމަންޓެއް ފެނުނުއިރު އެ ޝޮޓް ވެސް އަމާޒުވީ ގޯލު ދަނޑިއަށެވެ.
މެޑްރިޑްގެ ހަމަލާތަކުން ދިފާއުވަމުން އައި އެސްޕަންޔޯލް މެޗުގެ 85 ވަނަ މިނެޓުގައި ލަނޑު ޖެހީ އޮމަރު އަލް ހިލާލީގެ ކްރޮހަކާ އެކު ރޮމެރޯ އެވެ. މެޑްރިޑްގެ ގޯލްކީޕަރު ތިބޯ ކޯޓުއާއަށް މި ޝޮޓު ހުއްޓުވޭގޮތެއް ނުވިއެވެ.
މި ނަތީޖާއާ އެކު ވެސް މެޑްރިޑް އަދިވެސް އެއްވަނައިގައެވެ. ނަމަވެސް އެޓްލެޓިކޯ މެޑްރިޑާއި ދެމެދު މިހާރު އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ. އެސްޕަންޔޯލް މި މޮޅުން ރެލިގޭޝަން ޒޯނުން ސަލާމަތްވެ 17 ވަނައަށް ދިޔައީއެވެ.
މެޗުގެ ތަފާސްހިސާބުތަކަށް ބަލާއިރު މެޑްރިޑުން ޖުމުލަ 21 ފަހަރު ގޯލަށް ޝޫޓުކުރިއެވެ. ނަމަވެސް މީގެ އެކްސްޕެކްޓެޑް ގޯލްސް (އެކްސްޖީ) އަކީ އެންމެ 1.78 އެވެ. އެސްޕަންޔޯލްގެ ގޯލްކީޕަރު ގާސިއާ 7 ފަހަރު ބޯޅަ ހުއްޓުވިއެވެ. މެޑްރިޑުން މެޗުގެ 76 އިންސައްތަ ބޯޅަ ގެންގުޅުނު ނަމަވެސް ލަނޑެއް ނުޖެހުނެވެ. މިއީ 2005-06 ވަނަ އަހަރުން ފެށިގެން މެޑްރިޑުން އަވޭ މެޗެއްގައި އެންމެ ގިނައިން ބޯޅަ ގެންގުޅުނު މެޗު ވެސް މެއެވެ.