އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން ދުނިޔެ ފަޤީރު ކޮށްލާނެ ކަމަށް ބުނެ ބަޓިކަން އިން އިންޒާރުތަކެއް ދީފައިވެއެވެ. "އެންޓިކުއާ އެޓް ނޯވާ" ނަމަކަށް ކިޔާ މި ލިޔުމުގައި އޭއައި ގެ ސަބަބުން ފަގީރުކަމާއި އިޖްތިމާޢީ ތަފާތުކުރުންތައް އިތުރުވެދާނެކަމަށް ބުނެފައިވެއެވެ.
ލިޔުމުގައި ބުނެފައިވާ ގޮތުގައި އޭއައި އަކީ އިންސާނީ ވިސްނުމުގެ އާޓިފިޝަލް ބާވަތެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އިންސާނުންގެ ކޮލިޓީ އުފެއްދުމެއްގެ ގޮތުގައި ބަލަން ޖެހެއެވެ. މި ވިސްނުން ގެންގުޅެން ޖެހެއެވެ. އަދި އޭއައި އިން މުހިންމު އީޖާދުތަކެއް ގެނެސްދެވިދާނެ ނަމަވެސް، އޭގެ ސަބަބުން އެކަކު އަނެކަކާ ދެމެދު ބޮޑެތި ތަފާތު ކުރާނެ ކަމަށާއި، ފަގީރުކަމާއި، ޑިޖިޓަލް ފަރަގު އަދި އިޖްތިމާޢީ ތަފާތުތައް އިތުރުވުމުގެ ނުރައްކާވެސް އެބައޮތް ކަމަށް ވެޓިކަންގެ ލިޔުމުގައި ވެއެވެ.
ވެޓިކަން އިން ދެން ފާހަގަކުރި ގޮތުގައި މައިގަނޑު އޭއައި އެޕްލިކޭޝަންތަކުގެ ބާރު އޮތީ ވެސް ބާރުގަދަ މަދު ކުންފުނިތަކެއްގެ އަތުގައި ކަމެވެ. އެހެންކަމުން ވަކި ވިޔަފާރިއެއް ޕްރޮމޯޓް ކުރުމަށް ވެސް އަދި ވަކި ސިނާޢަތެއްގެ ފައިދާ ނެގުމުގައި އާންމުންގެ ވިސްނުން ބަދަލުކޮށްލާނެ އެއްޗަކަށް އޭއައި ބޭނުންކުރެވިދާނެ ކަމަށް ބުނެފައި ވެއެވެ. އެހެންކަމުން މިއީ ކުރިޔަށް އޮތް ތަނުގައި ނުރައްކާތެރި ކަމަކަށް ވެދާނެއެވެ.
ހަތިޔާރުގެ ޓެކްނޮލޮޖީގައި އޭއައި ބޭނުންކުރުމުން ކުރިމަތިވެދާނެ ނުރައްކާތަކާއި ދޭތެރޭ ވެސް ލިޔުމުގައި އިންޒާރުދީފައިވެއެވެ. ޚާއްޞަކޮށް އިންސާނުންގެ ސީދާ ބައިވެރިވުމެއް ނެތި އަމިއްލައަށް ޓާގެޓް ދެނެގަނެ ހަމަލާދެވޭ ހަތިޔާރު ސިސްޓަމްތަކަކީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދޭ ކަމެއްކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން، އޭއައި ގެ ސަބަބުން އެކަހެރިވުމެއް އުފެދި، ކުޑަކުދިންގެ ބޮޑުވުމަށް މައްސަލަތަކެއް ދިމާވެދާނެކަމަށާއި، އޭއައި އަކީ މީހެއްގެ ގޮތުގައި ދައްކައި އޮޅުވާލުމުގެ ބޭނުމުގައި އެކަން ކުރުމަކީ ބޮޑު އަޚްލާޤީ ކުށެއްކަމަށް ވެސް ލިޔުމުގައި ބުނެފައިވެއެވެ.