މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި މިއަދު މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 8:19 ހާއިރު އެ އެކްސިޑެންޓް ހިނގީ، ހައިވޭގެ އެއްފަރާތުގައި ބަހައްޓާފައިވާ ސޯލާ ޕެނަލްތަކުގެ މަސައްކަތެއް ކުރާތީ، އެކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނުތަކުގެ ތެރެއިން ކޯނެއްގައި ސައިކަލެއް ޖެހިގެން ކަމަށެވެ.
އެއީ ހުޅުމާލެއިން މާލެއަށް ދަތުރުކުރި ސައިކަލެކެވެ.
އެކްސިޑެންޓުވީ ބަންގްލާދޭޝް ފިރިހެނެއް ކަމަށާއި އޭނާ މަރުވީ އެކްސިޑެންޓުވުމުން ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެނިކޮށް 9:05 ހާއިރު ކަމަށް ވެސް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ހައިވޭގައި ބަހައްޓާފައި ހުރި ސޯލާ ޕެނަލްތަކުގެ ބައެއް މަސައްކަތްތައް ކުރާއިރު މަގުމަތީ ކޯނު ބެހެއްޓުމަކީ އާންމު ކަމެކެވެ. އަދި ބައެއް ފަހަރު، ވެހިކަލްތަކުގައި އަންނަ މީހުންނަށް ކޯނުތައް ހުރިކަން އަންގަން މީހުން ވެސް ތިބެ އެވެ.