މާލޭ ހުކުރު މިސްކިތާއި މިސްކިތު ގޯތިތެރެ އާއި މުންނާރު އަދި މެދުޒިޔާރަތުގެ އާބާތުރަފިލުވުމާއި މަރާމާތުކުރުމުގެ މަސައްކަތް، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި ސްޓެލްކޯ ގުޅިގެން އިއްޔެ ފަށައިފި އެވެ.
މި މަސައްކަތް ފެށީ އަންނަ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުންނެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފެށީ އަންނަ މާޗު މަހުގެ އެއްވަނަ ދުވަހު އެވެ.
ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވަނީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ.
ހުކުރު މިސްކިތުގެ ގޯތިތެރެ ސާފުކުރުމާއި މެދު ޒިޔާރަތުގައި ހުރި އާބާތުރަފިލުމުގެ އިތުރުން، އެތަނުގައި ހުރި ބައެއް އެހެނިހެން އާސާރުތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތް ކުރަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުންނެވެ.
މުންނާރުގެ މަރާމާތާއި އާބާތުރަފިލުވުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ސްޓެލްކޯއާ ދެމެދުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެއީ ދެ އަހަރު ދުވަހަށް ހެދި އެއްބަސްވުމެކެވެ.